ޚަބަރު

ހައިޓީގެ ބިންހެލުމުގައި 300އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ހައިޓީއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި 300އަށްވުރެ ގިނަ މީހުން މަރުވެ، 2،000އެއްހާ މީހުން ޒަޚަމުވެއްޖެއެވެ.

އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ހައިޓީއަށް ކުރިމަތިލާންޖެހުނީ ރިކްޓަރ މިންގަނޑުން 7.2ގެ ބާރުގަދަ ބިންހެލުމަކާއެވެ. އެ ބިންހެލުމުގައި ހައިޓީގެ ގިނަ ޢަދަދެއްގެ ގެދޮރާއި ހަސްފަތާލުތައް ބިމާހަމަވެ މަގުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިތުރު ބިންހެލުމަކާ ހައިޓީން ކުރިމަތިލާންޖެހުނީ 2010ވަނަ އަހަރު އެ ޤައުމުން ކުރިމަތިލާންޖެހުނު ބިންހެލުމުން މުޅިން އަރައިނުގަނެވި އުޅެނިކޮށެވެ. އޭގެ އިތުރުން 2016ވަނަ އަހަރު ހައިޓީން ކުރިމަތިލާންޖެހޭ ތޫފާނުގެ ސަބަބުންވެސް އެ ޤައުމުގެ ވަޞީލަތްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ބާރުގަދަ ބިންހެލުމަކާ ހައިޓީން ކުރިމަތިލާންޖެހިފައިވަނީ އެ ޤައުމުގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލުމުން އެ ޤައުމުގެ ސިޔާސީ މަޞްރަޙް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. ހައިޓީގެ ހުދުމުހުތާރު ވެރިކަން 1986ވަނަ އަހަރުގެ ތެރޭގައި ވެއްޓުނުފަހުން އެ ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިފައެއް ނުވެއެވެ. 11 މިލިޔަން މީހުންގެ އަބާދީއެއް އޮންނަ ހައިޓީއަކީ މެދުތެރޭ އެމެރިކާގެ އެންމެ ފަޤީރު ޤައުމެވެ. ސިޔާސީ ހަމަނުޖެހުންތަކާއި ޤުދުރަތީ ކާރިޡާތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެ ޤައުމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.