ޚަބަރު

މުޙްޔިއްދީންނަށް އެއްބާރުލުންދޭން ޕާޓީތަކުން ބޭނުމެއް ނުވޭ، އެދުނީ އޭނާގެ އިސްތިޢުފާއަށް


މެލޭޝިޔާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީން އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންނަށް ތާޢީދުކުރަން ދެކޮޅުހަދައިފިއެވެ.

2020ވަނަ އަހަރުގެ މާރިޗުގެ މަހުގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތް މުޙްޔިއްދީން ވެރިކަންކުރައްވަނީ ވަރަށް ހަނި އަޣްލަބިއްޔަތާއެކުއެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު އިސްމާޢީލް ޞަބުރީ ބިން ޔަޢުޤޫބު ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ 222 މެންބަރުގެ ތެރެއިން 110 މެންބަރުގެ ތާޢީދު މުޙްޔިއްދީންނަށް އޮތްކަމަށެވެ. ނަމަވެސް ވެރިކަންކުރާ ޕާޓީގައި މުޙްޔިއްދީންމެދުވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. މުޙްޔިއްދީން ވިދާޅުވި ގޮތުގައި އޭނާއާމެދު ހިތްހަމަނުޖެހުން އުފެދިފައިވަނީ ބައެއް ޕާޓީތަކުން ކުރަމުންދާ ޝަރުތުތަކަށް އޭނާ އެއްބަސްވެވަޑައިނުގަތުމުންނެވެ. އެ ގޮތުން ޚިޔާނާތުގެ ތުޙްމަތުތައް ކުރެވޭ ބައެއް ސިޔާސީވެރިން މިނިވަންކުރުމަށް އެދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ މުޙްޔިއްދީން ވިދާޅުވީ ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ބައެއް ޕާޓީތަކުންނާއި ސިޔާސީވެރިން އެދިފައިވާކަމަށެވެ.

މެލޭޝިޔާގައި ސިޔާސީ ދެބަސްވުންތައް ބޮޑުވުމުން މުޙްޔިއްދީންވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުންވެސް މެދުކަނޑާލައިފައެވެ. އެ ގޮތުން ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާޅާފައިވަނީ މުޙްޔިއްދީންނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތްކުރުމުންނެވެ.

އޮގަސްޓު މަހުގެ 13ވަނަ ދުވަހު ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން މުޙްޔިއްދީންވަނީ އޭނާއަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނެތްކަމަށް ފުރަތަމަ ފަހަރަށް އިޢުތިރާފުވެވަޑައިގެންފައެވެ. އަދި މެލޭޝިޔާގެ ސިޔާސީ ނިޒާމު އިޞްލާޙްކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް މުޙްޔިއްދީންވަނީ ވިދާޅުވެފައެވެ. މުޙްޔިއްދީން ހުށަހެޅުއްވި އިޞްލާޙުތަކުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމާއި ބޮޑުވަޒީރުކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދަޢުރަށްކަމަށް ކަނޑައެޅުން ހިމެނެއެވެ.

ބަދަލެއްގެ ގޮތުގައި އޭނާއަށް ތާޢީދުކުރުމަށް މުޙްޔިއްދީންވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީންވަނީ އެ ހުށަހެޅުއްވުން ބަލައިގަންނަން ދެކޮޅު ހަދައި މުޙްޔިއްދީން އިސްތިޢުފާދެއްވުމަށް އެދިފައެވެ. އަދި މުޙްޔިއްދީންގެ ހުށަހެޅުއްވުންތަކަކީ ރިޝްވަތުގެ ގޮތުގައި އެ ޕާޓީތަކުން ސިފަކޮށްފައިވެއެވެ.