ޚަބަރު

އެންބަސީ ހުސްކުރަން އެމެރިކާގެ ފައުޖުތައް ކާބުލްއަށް ފޮނުވައިފި


އަފްޣާނިސްތާނުގައި ހުންނަ އެންބަސީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ޤައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމަށް އެމެރިކާގެ ބޮޑު ފައުޖެއް ކާބުލްއަށް ގޮސްފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ 3،000 ސިފައިން ކާބުލްއަށް ފޮނުވާފައިވާކަމަށާއި އެ ފައުޖުގެ މަސައްކަތަކީ އެންބަސީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަފްޣާނިސްތާނުގެ ތިބި އެމެރިކާގެ ރައްޔިތުން ސަލާމަތުން ގެންދިޔުމަށްކަމަށެވެ. އަދި ކާބުލްގެ އެންބަސީ ދޫކޮށްލުމުގެ ކުރިން ހުރިހާ ލިޔެކިޔުންތައް ނައްތާލައި އެއްވެސް މުޙިންމު މުދަލެއް ދޫކޮށްލާފައި ނުދިޔުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އެންބަސީގެ މުވައްޒަފުންނަށް އަންގައިފައެވެ. އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ހުޅަނގުގެ ބައެއް އެހެން ޤައުމުތަކުންވެސްވަނީ ކާބުލްގައި ތިބި ޚާރިޖީ މުވައްޒަފުންނާއި އެ ޤައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމަށް ކާބުލްއަށް އަސްކަރީ ފައުޖުތައް ފޮނުވައިފައެވެ.

ކާބުލްއަށް ބައެއް ޤައުމުތަކުން އަސްކަރީ ފައުޖުތައް ފޮނުވާފައިވަނީ ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އެ ރަށް ގެންދާނެކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެއަށްވުރެ ކުރިން ޠާލިބާނުންގެ ބާރުގެ ދަށަށް ކާބުލް ގެންދާނެކަމަށް ބެލެވެއެވެ. އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަންދަހާރާއި ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ހީރަތުވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އެ ޖަމާޢަތުގެ ހަނގުރާމަވެރިންވަނީ ކާބުލްއާ 40 ކިލޯމީޓަރު ކައިރިއަށް ޖަމާވެފައެވެ.

1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.