ޚަބަރު

ޠާލިބާނުންގެ ޙަމަލާތައް ހުއްޓާލުމަށް އދން ގޮވާލައިފި


އަފްޣާނިސްތާނުގެ ސަލާމަތީ ޙާލަތު ޙައްދުން ނެއްޓިފައިވާކަމަށާއި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޠާލިބާން ޖަމާޢަތުން ދެމުންދާ ޙަމަލާތައް ވަޤުތުން ހުއްޓާލުމަށް އދން ގޮވާލައިފިއެވެ.

އެމެރިކާގެ ނިޔު ޔޯކުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެޚޭޝް ވިދާޅުވީ ޙަމަލާތައް ހުއްޓާލުމަށްފަހު މަޝްވަރާކުރުމުގެ ވަޤުތު ޖެހިއްޖެކަމަށެވެ. އަދި ދިގުދެމިގެންދާނެ ހަނގުރާމައެއްގެ ތެރެއަށް އަފްޣާނިސްތާން ވެއްޓިއްޖެނަމަ އެ ޤައުމު ދުނިޔެއިން އެކަހެރިވާނެކަމަށްވެސް ގުތެޚޭޝް ވިދާޅުވިއެވެ. ޠާލިބާނުންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި އަންހެނުންނަށާއި ނޫސްވެރިންނަށް ކުރިމަތިވަމުންދާ އުނދަގޫތަކުގެ މަޢުލޫމާތުތައް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވަމުން ގުތެޚޭޝް ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ދެ ފަރާތުންވެސް އިސްކަމެއް ދޭންޖެހޭކަމަށެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް 20 އަހަރުދުވަހަށްފަހު އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަންދަހާރާއި ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ހީރަތުވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން އަފްޣާނިސްތާނާ ގުޅިފައިވާ ޕާކިސްތާނާއި ތަޖިކިސްތާނާއި އީރާނުގެ ސަރަޙައްދީ ރޮނގުތައްވެސްވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްވެސް އެ ޖަމާޢަތުގެ ބާރުގެ ދަށަށްގެންދާނެކަމަށް ބެލެވެއެވެ.

2021ވަނަ އަހަރު ފެށުނުފަހުން އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް މީހުންނެއް މަރުވުމުގެ އިތުރުން 400،000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އދން ބުނެފައިވަނީ އަފްޣާނިސްތާނުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި އެ ޖަމުޢިއްޔާގެ 3،000އަށްވުރެ ގިނަ މުވައްޒަފުން އެ ޤައުމުގައި ޙަރަކާތްތެރިވަމުންދާކަމަށެވެ.

1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.