ޚަބަރު

ބާރުގެ ބޭނުންކޮށްގެން އަފްޣާނިސްތާނުގައި ޤާއިމުކުރާ ސަރުކާރެއް ބަލައެއްނުގަންނާނެ


ބާރުގެ ބޭނުންކޮށްގެން އަފްޣާނިސްތާނުގައި ޤާއިމުކުރާ ސަރުކާރެއް ބަލައެއްނުގަންނާނެކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ބުނެފިއެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޤަޠަރުގެ ދައުހާގައި އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާން ޖަމާޢަތާއި އެމެރިކާއާއި ރަޝިޔާއާއި ޗައިނާއިންވަނީ އޮގަސްޓު މަހުގެ 12ވަނަ ދުވަހު މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނުގައި ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލުމަށް އެ ބައްދަލުވުމުގައި އެއްބަސްވެފައެއް ނުވެއެވެ.

ބައްދަލުވުމަށްފަހު އެމެރިކާއާއި ރަޝިޔާއާއި ޗައިނާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާރުގެ ބޭނުންކޮށްގެން އަފްޣާނިސްތާނުގައި ޤާއިމުކުރާ ސަރުކާރެއް ދުނިޔޭގެ ބޮޑެތި ބާރުތަކުން ބަލައެއްނުގަންނާނެކަމަށެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގެ ސަރަޙައްދީ ވެރިރަށްތަކަށް ޠާލިބާނުން ދެމުންދާ ޙަމަލާތައް ހުއްޓާލަންޖެހޭކަމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި އަފްޣާނިސްތާނުގެ މައްސަލައަށް ސިޔާސީ ޙައްލެއް ބޭނުންވާކަމަށާއި ޞުލްޙަ ޤާއިމުކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އޮގަސްޓު މަހުގެ 12ވަނަ ދުވަހުގެ ބައްދަލުވުމަށްފަހު އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް އިތުރު މަޝްވަރާތަކެއް ދެން ކުރާނެކަމަކަށް ނުބެލެވެއެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް 20 އަހަރުދުވަހަށްފަހު އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ. އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ކުރިން ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ޠާލިބާނުން ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ ތިންބައިކުޅަ ދެބައިވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި އަފްޣާނިސްތާނުގެ ޙާލަތު ނުރައްކާތެރި ފައްތަރަކަށް ވެއްޓި އެތައް ހާސް ޢާންމު ރައްޔިތުންގެ ގެދޮރުވަނީ ގެއްލިފައެވެ. އެއާއެކު އަފްޣާނިސްތާނުގައި އިންސާނީ ބޮޑު ކާރިޘާއެއް އުފެދުމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި ކާބުލްގެ ވަށައިގެން އޮންނަ ސަރަޙައްދުތައް ޠާލިބާނުންގެ ބާރުގެ ދަށަށްގެންނާނެއެވެ. އަދި އަފްޣާނިސްތާނުގެ އެހެން ސަރަޙައްދުތަކުން ކާބުލް ވަކިކުރުމަށްފަހު ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އެ ރަށް ގެންދާނެކަމަށް އެމެރިކާއިން ލަފާކުރެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ސަރުކާރުގެ ބާރުކެނޑިފައިވާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި އަލްޤައިދާފަދަ ޖަމާޢަތްތަކުގެ ބާރުގަދަވާނެކަމަށް ބެލެވޭކަމަށެވެ. އަދި އަފްޣާނިސްތާނުގައި ޠާލިބާނުން ހޯދަމުންދާ ބޮޑެތި އަސްކަރީ ކުރިއެރުންތަކާމެދު ކަނބޮޑުވާކަމަށާއި އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވެއެވެ.

އދން ބުނެފައިވާ ގޮތުގައި ޠާލިބާނުންގެ ޙަމަލާތަކުގައި ފާއިތުވި މަސްދުވަހުގެ ތެރޭގައި 1،000 މީހުންވަނީ މަރުވެފައެވެ. އަދި 15 ޞިއްޙީ މަރުކަޒަކުން ޒަޚަމުވެފައިވާ 4،000 މީހުންނަށްވަނީ ފަރުވާ ދީފައިވާކަމަށްވެސް އދން ބުނެއެވެ. ނަމަވެސް ޠާލިބާނުން ބުނެފައިވަނީ ޢާންމުންނަށް ޢަމާޒުކޮށް އެ ޖަމާޢަތުން ޙަމަލާތައް ދެމުންނުދާކަމަށެވެ.

1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.