ޚަބަރު

ސިއްރުތަކެއް ޢާންމުކުރުމުން ބުރެޒިލުގެ ރައީސްގެ މައްސަލައެއް ބަލަނީ


ފުލުހުން ކުރަމުންދާ ތަޙްޤީޤަކާ ގުޅުންހުރި ސިއްރު މަޢުލޫމާތުތަކެއް ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯ ޢާންމުކުރެއްވުން އެ ޤައުމުގެ ސުޕުރީމު ކޯޓުން އެ މައްސަލަ ބަލަންފަށައިފިއެވެ.

ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމަށް ބޮލްސޮނާރޯވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވައިފިއެވެ. ބުރެޒިލުގައި ވޯޓުލުމަށް މިހާރު ބޭނުންކުރަނީ ކޮންޕިޔުޓަރު ނިޒާމެކެވެ. އޭގެ ބަދަލުގައި ބޮލްސޮނާރޯ ބޭނުންފުޅުވަނީ ޗާޕުކޮށްފައިވާ ވޯޓު ކަރުދާސް ބޭނުންކުރުމަށެވެ. ބޮލްސޮނާރޯ ވިދާޅުވެފައިވަނީ ކޮންޕިޔުޓަރު ނިޒާމެއް ބޭނުންކުރާނަމަ ގިނަ މައްސަލަތަކެއް ދިމާވާނެކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ އިންތިޚާބުގައި ބައިވެރިވާ ކޮންމެވެސް އެއް ފަރާތަކުން އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރުންކަމަށެވެ. އަދި އެ ފަރާތަކީ އޭނާއަށް ވެދާނެކަމަށް ބޮލްސޮނާރޯ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން އޭނާވަނީ ރިޔާސީ އިންތިޚާބުގައި އެއްވެސް އޮޅުވާލުމެއް އޮތްނަމަ ވޯޓަށްފަހު އެހެން ފަރާތަކާ ވެރިކަން ޙަވާލުނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމަށް ބޮޑެތި މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ. ނަމަވެސް ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުންވަނީ ބޭރުކޮށްލައިފައެވެ. އެއާއެކު ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރެއްވުމަށް ބޮލްސޮނާރޯ ކުރައްވަމުންދާ މަސައްކަތްތަކަށްވަނީ ހުއްޓުމެއް އައިސްފައެވެ.

ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމާ ގުޅޭގޮތުން ބޮލްސޮނާރޯ ދައްކަވަމުންދާ ވާހަކަތައް ސާބިތުކޮށްދެއްވުމަށް އޭނާވަނީ ފުލުހުން ކުރަމުންދާ ތަޙްޤީޤަކާ ގުޅުންހުރި ސިއްރު މަޢުލޫމާތުތަކެއް މީސްމީޑިޔާގައި ޢާންމުކުރައްވައިފައެވެ. އޭނާ ޢާންމުކުރައްވާފަައިވަނީ 2018ވަނަ އަހަރު ބޭއްވި އިންތިޚާބުގެ ކުރިން ބުރެޒިލުގެ އިންތިޚާބީ ކޯޓުގެ ސާވާތަކަށް ދިން ސައިބާ ޙަމަލާތަކެއްގެ ތަޙްޤީޤާ ގުޅުންހުރި ސިއްރު މަޢުލޫމާތުތަކަކެވެ. އެއާއެކު ބުރެޒިލުގެ ސުޕުރީމު ކޯޓުންވަނީ މީސްމީޑިޔާއިން އެ މަޢުލޫމާތުތައް ފޮހެލައި ސައިބާ ޙަމަލާތައް ތަޙްޤީޤުކުރުމަށް އެންމެ އިސްކޮށް ޙަރަކާތްތެރިވާ ފުލުސް މީހާ މަޤާމުން ވަކިކުރުމަށް ޢަމުރުކޮށްފައެވެ.

ބުރެޒިލުގެ ސުޕުރީމު ކޯޓުގެ ޢަމުރާ ގުޅޭގޮތުން ބޮލްސޮނާރޯ ވިދާޅުވީ މީސްމީޑިޔާއިން އެ މަޢުލޫމާތުތައް ފޮހެލުމުގެ ބޭނުމެއް ނެތްކަމަށާއި އެންމެންނަށް އެ މަޢުލޫމާތުތައް ފެނިފައިވާކަމަށެވެ، އަދި އެއީ ޢާންމުންނަށް އެންގެންޖެހޭ މަޢުލޫމާތުތަކެއްކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.