ޚަބަރު

ޗައިނާގައި ބަލިޖެހޭ މީހުންގެ ޢަދަދު 2 ހަފުތާ ފަހުން ދަށަށް


ޗައިނާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދެ ހަފުތާ ފަހުން ދަށަށް ގޮސްފިއެވެ.

ޗައިނާގެ ޤައުމީ ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ކޯވިޑް-19 ޖެހިފައިވަނީ 47 މީހުންނަށްކަމަށެވެ. އެއީ ޖުލައި މަހުގެ 30ވަނަ ދުވަހުގެ ފަހުން ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށްދިޔަ ވިދިވިދިގެން ތިންވަނަ ދުވަހެވެ. ޖުލައި މަހުގެ 20ވަނަ ދުވަހުގެ ފަހުން ޗައިނާގައި ބަލިމަޑުކަން ފެތުރިފައިވަނީ އެ ޤައުމުގެ ޖިއަންސޫ ޕުރޮވިންސްގެ ވެރިރަށް ނަންޖިންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ރަޝިޔާއިން ދަތުރުކުރި މަތިންދާބޯޓެއް ސާފުކުރަން އުޅުނު ބަޔަކަށް ބަލިޖެހުމުންނެވެ. އެއަށްފަހު ޗައިނާގެ ރަސްމީ ވުޒާރާތަކުންވަނީ ޖުލައިމަހުގެ 26ވަނަ ދުވަހު އެ ވައިގެ ބަނދަރު ބަންދުކޮށް ނަންޖިންގައި ދިރިއުޅޭ ޢާންމުން ބަޔަށް ތަޙްލީލުކުރުމުގެ މަސައްކަތް ފަށައިފައެވެ. އޭގެ އިތުރުން އެ ޤައުމުގެ ސަރުކާރުންވަނީ ޗައިނާގެ ބައެއް އާބާދީތައް އެކަހެރިކޮށް ދަތުރުފަތުރުކުރުންވެސް މަނާކޮށްފައެވެ.

ޗައިނާގެ ސަރުކާރުން އެޅި ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގައި ބަލިފެތުރުންވަނީ މުޅިހެން ހުއްޓުވިފައެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް ނަންޖިންގައި ބަލިޖެހެނީ ގާތްގަނޑަކަށް އެކަކަށް ނޫނީ ދެ މީހަކަށްށެވެ. އަދި ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޗައިނާގައި އެންމެ ބޮޑަށް ކޯވިޑް-19 ފެތުރުނު ހުނާން ޕުރޮވިންސްގައި ބަލިން ފަސޭހަވެފައިވާ ގިނަ ޢަދަދެއްގެ މީހުންވަނީ ހަސްފަތާލުތަކުން ދޫކޮށްލައިފައެވެ. ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދެ ހަފުތާ ފަހުން ދަށަށްދިޔަ ނަމަވެސް ޗައިނާގެ ޤައުމީ ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ މާސްކުއެޅުމާއި ގާތްދުރުކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ޢާންމުން ދެމިތިބެންޖެހޭކަމަށެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރިފައިވަނީ ޗައިނާގައެވެ. އެ ގޮތުން 2020ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން ޗައިނާގައި 94,260 މީހުންނަށް ބަލިޖެހިފައިވެއެވެ. އަދި ބަލިމަޑުކަމުގައި 4,636 މީހުންވަނީ މަރުވެފައެވެ.