ޚަބަރު

ފީފާ ރޭންކިންގެ އެއްވަނައިގާ އަދިވެސް ބެލްޖިއަމް


ފިފާއިން އާންމުކުރާ ފީފާ ކޮކާކޯލާ ވާރލްޑް ރޭންކިނގެ އެއްވަނައިގާ އަދިވެސް އުޅޭނީ ބެލްޖިއަމްއެވެ. ޔޫރޯ 2020ގެ ކްުއާޓަރ ފައިނަލްގައި އިޓަލީއަތުން ބަލިވި ނަމަވެސް ބެލްޖިއަމްގެ ރޭންކިންއަށް އަސަރު ކުރުވޭ ވަރެއް ނުވިއެވެ.

ތިން މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ފީފާއިން ދުނިޔޭގެ ރޭންކިންގ އާންމު ކުރިއިރު ވޭތިވެދިޔަ ދޮޅު މަހެއްހާ ދުވަހަކީ ފުޓްބޯޅައިގެ ދުނިޔޭގައި ގިނަ މެޗްތަކެއް ކުޅެވިގެންދިޔަ ދުވަސްވަރެކެވެ. އެހެންކަމުން ރޭންކިންގެ އެއްވަނައަށް ބަދަލު ނައި ނަމަވެސް ގިނަ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މެއި މަހުގެ ރޭންކިންގ އަށް ފަހު މިހާތަނަށް ބައިނަލްއަޤްވާމީ 348 މެޗް ކުޅެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ސަރަހައްދީ މުބާރާތް ތައް ކާމިޔާބުކުރި އަދި މޮޅު ކުޅުމެއް ދެއްކި ޓީމްތަކަށްވަނީ ރެންކިންގައި ގިނަ ކުރިއެރުންތަކެއް އައިސްފައެވެ.

މިގޮތުން ޔޫރޯ 2020ގެ ޗެމްޕިއަން އިޓަލީވިލާތް ވަނީ ފަސްވަނައަށް ކުރިއަށް ޖެހިލާ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި މިއީ ޕޮއިންޓަށް ބަލާއިރު އެންމެ ބޮޑު ކުރިެރުމެއް ހޯދި ތީމެވެ. މިގޮތުން އިތަލީއަށްވަނީ 102.61 ޕޮއިންޓް ލިބިފައެވެ. ޔޫރޯއިން ދެވަނައަށް ދިޔަ އިންގްލަންޑް އަދިވެސް އޮތީ ހަތަރުވަނައިގައެވެ. ދެވަނަ ލިބިފައިވަނީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން ކޮޕާ އެމެރިކާއިން ދެވަނައަށް ދިޔަ ބްރެޒިލް އަށެވެ. އެއީ އެއްދަރަޖައިގެ ކުރިއެރުމަކާއެކުއެވެ. އަދި ފަރަންސޭސިވިލާތްވަނީ ތިންވަނައަށް ވެއްޓިފައެވެ.

ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާ ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ގޯލްޑް ކަޕްގެ ޗެމްޕިއަން އެމެރިކާވަނީ ދިހަ ދަރަޖައިގެ ކުރިއެރުމަކާއެކު ރޭންކިންގ ގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެމުބާރާތުން ދެވަނައަށް ދިޔަ މެކްސިކޯ ވަނީ ދެދަރަޖައިގެ ކުރިއެރުމަކާއެކު 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިފަހަރުގެ ރޭންކިންގގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ގޯލްޑް ކަޕަށް ދައުވަތު ދީގެން ގެންދިޔަ ގަތަރެވެ. ގަތަރުވަނީ 16 ދަރަޖައިގެ ކުރިއެރުމަކާއެކު 42 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ގަތަރުވަނީ ގޯލްޑް ކަޕްގެ ސެމިފައިނަލަށް ދަތުރުކޮށްފައެވެ.

މިފަހަރުގެ ރޭންކިންގގައި ދިވެހިރާއްޖެ އުޅޭނީ 158 ވަނައިގައެޗެ. މެއި މަހުގެ ރެންކިންގގައި ރާއްޖެ އުޅުނީ 155 ވަނައިގައެވެ.