ޚަބަރު

އަފްޣާނިސްތާނުގެ މައްސަލާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ރުޅިގަދަވެފައި


އަފްޣާނިސްތާނުގެ ސަލާމަތީ ޙާލަތު ނުރައްކާތެރި ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި އަވަށްޓެރި ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް 20 އަހަރުދުވަހަށްފަހު އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ. އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ކުރިން ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ޠާލިބާނުން ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ ތިންބައިކުޅަ ދެބައިވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ޠާލިބާނުން ބުނެފައިވަނީ އެ ޖަމާޢަތުގެ މަޤްޞަދަކީ މުޅި އަފްޣާނިސްތާން އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސް އެ ޤައުމުގައި އިސްލާމީ ޤާނޫނީ ނިޒާމެއް ޤާއިމުކުރުންކަމަށެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ޠާލިބާނުންނާ މަޝްވަރާކުރުމަށް ޕާކިސްތާނުން އިސް ދަޢުރެއް އަދާކުރުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. އެމެރިކާގެ ޢަމަލުތަކާ ނުރުހުންވެ ހުންނަވައި އިމުރާން ޚާން ވިދާޅުވީ އަފްޣާނިސްތާނުގެ ޙާލަތު ގޯސްވެފައިވަނީ އެމެރިކާގެ ސަބަބުންކަމަށެވެ. އަދި ސިޔާސީ ޙައްލެއް ނެތް މައްސަލައަކަށް ފާއިތުވި 20 އަހަރުދުވަހު އެމެރިކާއިން ނުފޫޒު ފޯރުވަން ކުރި ހުރިހާ މަސައްކަތްތަކެއް ބޭކާރުވެފައިވާކަމަށް އިމުރާން ވިދާޅުވިއެވެ. އަދި އެމެރިކާގެ ހަޑިފިލުވަންޖެހޭ ޤައުމަކަށް އަބަދުވެސްވަނީ ޕާކިސްތާންކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޕާކިސްތާނުން އެދުނު ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރާ ޠާލިބާނުން މަޝްވަރާއެއް ނުކުރާނެއެވެ. އަދި އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޕާކިސްތާނުން ވަކި ކޮޅެއް ނުނަގާނެކަމަށްވެސް އިމުރާން ވިދާޅުވިއެވެ. އޭގެ އިތުރުން ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމަށްފަހު ޕާކިސްތާނުގައި އެ ޤައުމުތަކުގެ އަސްކަރީ މަރުކަޒެއް ޤާއިމުކުރުމުގެ ފުރުޞަތެއް ނުދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ތުޙްމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ސަލާމަތީ ޙާލަތު ގޯސްވެފައިވަނީ ޕާކިސްތާނުގެ ސަބަބުންނެވެ. އެ ގޮތުން ޠާލިބާނުންނަށް އެހީތެރިވާކަމުގެ ތުޙްމަތު ޕާކިސްތާނާ ދެކޮޅަށް ކުރެވެއެވެ. އެއީ ޕާކިސްތާނުން އަބަދުވެސް ދޮގުކުރަމުންދާ ތުޙްމަތުތަކެކެވެ.