ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްދާނެކަމަށް އެމެރިކާއިން ލަފާކޮށްފިއެވެ. އެމެރިކާއިން އެހެން ބުނެފައިވަނީ ކާބުލްއާ 150 ކިލޯމީޓަރު ދުރުގައި އޮންނަ ޤަޒުނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމުންނެވެ. ޤަޒުނީއަކީ ފާއިތުވި ހަފުތާގެ ތެރޭގައި އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އަފްޣާނިސްތާނުގެ 9ވަނަ ސަރަޙައްދީ ވެރިރަށެވެ.
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް 20 އަހަރުދުވަހަށްފަހު އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ. އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ކުރިން ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ޠާލިބާނުން ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ ތިންބައިކުޅަ ދެބައިވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި އަފްޣާނިސްތާނުގެ ޙާލަތު ނުރައްކާތެރި ފައްތަރަކަށް ވެއްޓި އެތައް ހާސް ޢާންމު ރައްޔިތުންގެ ގެދޮރުވަނީ ގެއްލިފައެވެ. އެއާއެކު އަފްޣާނިސްތާނުގައި އިންސާނީ ބޮޑު ކާރިޘާއެއް އުފެދުމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.
އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގާއި ކަންދަހާރުފަދަ ރަށްރަށަކީ ޠާލިބާނުންނަށް އޮންނަ ތާޢީދު ބޮޑު ސަރަޙައްދުތަކެވެ. ނަމަވެސް ޠާލިބާނުންގެ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމަށްފަހު ކާބުލް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމަށެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި ކާބުލްގެ ވަށައިގެން އޮންނަ ސަރަޙައްދުތައް ޠާލިބާނުންގެ ބާރުގެ ދަށަށްގެންނާނެއެވެ. އަދި އަފްޣާނިސްތާނުގެ އެހެން ސަރަޙައްދުތަކުން ކާބުލް ވަކިކުރުމަށްފަހު ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އެ ރަށް ގެންދާނެކަމަށް އެމެރިކާއިން ލަފާކުރެއެވެ.
އދން ބުނެފައިވާ ގޮތުގައި ޠާލިބާނުންގެ ޙަމަލާތަކުގައި ފާއިތުވި މަސްދުވަހުގެ ތެރޭގައި 1،000 މީހުންވަނީ މަރުވެފައެވެ. އަދި 15 ޞިއްޙީ މަރުކަޒަކުން ޒަޚަމުވެފައިވާ 4،000 މީހުންނަށްވަނީ ފަރުވާ ދީފައިވާކަމަށްވެސް އދން ބުނެއެވެ. ނަމަވެސް ޠާލިބާނުން ބުނެފައިވަނީ ޢާންމުންނަށް ޢަމާޒުކޮށް އެ ޖަމާޢަތުން ޙަމަލާތައް ދެމުންނުދާކަމަށެވެ.