މިއަހަރުގެ އޯ-ލެވެލް އިމްތިހާނުގެ ނަތީޖާ ސެންޓަރުތަކަށް މިހާރު ދޫކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުންވަނީ ސެންޓަރުތަކަށް ނަތީޖާ ލިބުމުން އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ސްކޫލްތަކުން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ދަރިވަރުންނަށް ނަތީޖާގެ ކަންކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސްކޫލްތަކަށް އަންގަވާފައެވެ.
މިއަހަރުގެ އޯ-ލެވެލްގެ ނަތީޖާ 12 އޮގަސްޓު 2021 (މިއަދު) 10:00 ގައި އަދި އެސް.އެސް.ސީގެ ނަތީޖާ މިއަދު 13:00 ގައި އިމްތިޙާނު ސެންޓަރުތަކަށް ލިބޭނެ. ސެންޓަރުތަކަށް ނަތީޖާ ލިބުމާއެކު ނަތީޖާ ދޫކުރުމުގެ ކަންކަން ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިޔަށްދާނެ.
— Ministry of Education (@MoEdumv) August 12, 2021
އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވިޓެއްގައިވަނީ މިއަހަރުގެ އޯލެވެލް ނަތީޖާ މިއަދު ހެނދުނު 10:00 ގައި އަދި އެސް.އެސް.ސީގެ ނަތީޖާ މިއަދު 13:00 ގައި އިމްތިޙާނު ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ. އަދި ސެންޓަރުތަކަށް ނަތީޖާ ލިބުމާއެކު ނަތީޖާ ދޫކުރުމުގެ ކަންކަން ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިޔަށްދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މެއި 2 އިން ޖޫން 11 އަށް ކުރިއަށްދިޔަ މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 5955 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ސްކޫލްތަކުން 2196 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 3759 ދަރިވަރުންނެވެ. މީގެތެރޭގައި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާ 225 ދަރިވަރުންވެސް ހިމެނެއެވެ. އޯލެވެލް އިމްތިޙާނު މިފަހަރު ކުރިޔަށްގެންގޮސްފައިވަނީ މާލޭގެ 22 ސެންޓަރަކާއި، އަތޮޅުތަކުގެ 213 ސެންޓަރެއްގައެވެ.
އެކެޑެމިކް ކަލަންޑަރަށް ގެނެވުނު ބަދަލުތަކާއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު އެންމެ ފުރަތަމަ ފެށުމަށް ނިންމާފައި އޮތީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އިމްތިޙާނުގެ ޓޭބަލް ބަދަލުކޮށް އިމްތިހާނު ފަށާފައިވަނީ މެއިމަހުގެ 2 ވަނަ ދުވަހުއެވެ. ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ އެސް.އެސް.ސީ އިމްތިޙާނެވެ. މި އިމްތިޙާނަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ތާވަލްކުރި ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނެވެ.
ކޯވިޑްގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިއާއެކު އިމްތިހާންތައް ބާއްވާ ދުވަސްވަރުތަކަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ.