ކޮރެޔާ ސަރަޙައްދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރަން ލިބުނު ފުރުޞަތު ދެކުނު ކޮރެޔާއާއި އެމެރިކާގެ ޢަމަލުތަކުގެ ސަބަބުން ގެއްލިއްޖެކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ.
އުތުރު ކޮރެޔާއިން ބުނެފައިވާ ގޮތުގައި ކޮރެޔާ ސަރަޙައްދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް އެ ޤައުމުން ހެޔޮ ނިޔަތެއް އިސްކުރި ނަމަވެސް ދެކުނު ކޮރެޔާއާއި އެމެރިކާއިން އިސްކޮށްފައިވަނީ ޢަދާވާތްތެރިކަންކަމަށެވެ. އުތުރު ކޮރެޔާއިން އެހެން ބުނެފައިވަނީ ދެކުނު ކޮރެޔާއާއި އެމެރިކާއިން ގުޅިގެން އަސްކަރީ ތަމުރީނުތަކެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ތަމުރީންތައް ބާއްވައިފިނަމަ ގުޅުންތަކަށް އަސަރުކުރާނެކަމަށް އުތުރު ކޮރެޔާއިންވަނީ ބުނެފައެވެ. އަދި ދެ ޤައުމުން ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ދެކުނު ކޮރެޔާއާއި އެމެރިކާއިން ގުޅިގެން އަސްކަރީ ތަމުރީނުތަކެއް ބޭއްވުމަށް ނިންމުމުން އުތުރު ކޮރެޔާއިންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކޮށްފައެވެ.
ދެކުނު ކޮރެޔާއިން ބުނެފައިވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ދެ ކޮރެޔާގެ ދެމެދުގައި މުވާޞަލާތުކުރުމަށް ޤާއިމުކޮށްފައިވާ ފޯނަށް ގުޅުމަށް މަސައްކަތްކޮށްފައިވާކަމަށާއި އުތުރު ކޮރެޔާއިން މުވާޞަލާތުކުރުމަށް ދެކޮޅުހަދާފައިވާކަމަށެވެ. އެއް އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު އެ ފޯންލައިން އަލުން ޤާއިމުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުއެވެ.