ފާއިތުވި ހަ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ 8ވަނަ ސަރަޙައްދީ ވެރިރަށް ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. ހަނގުރާމައިގެ މައިދާނުގައި ޠާލިބާނުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް 20 އަހަރަށްފަހު އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައެވެ.
އަފްޣާނިސްތާނުގެ މުޙިންމު ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި އެ ޖަމާޢަތުގެ ބާރުގެ ދަށަށް އެންމެ ފަހުން ގެނެސްފައިވަނީ އެ ޤައުމުގެ އިރުއުތުރު ޕުރޮވިންސްގެ ވެރިރަށްކަމަށްވާ ފައިޒާއާބާދެވެ. އެ ރަށް ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ އެންމެ ބޮޑު ރަށްކަމަށްވާ މަޒާރީޝަރީފަށް އެ ޤައުމުގެ ރަައީސް އަޝްރަފް ޣަނީ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގެ ހަތަރުވަނައަށް އެންމެ ބޮޑު ރަށަށް ޣަނީ ވަޑައިގެން ޠާލިބާނުންނާ ދެކޮޅަށް ކުރިމަތިލުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ހިތްވަރުދެއްވާފައިވެއެވެ.
ޠާލިބާނުންގެ ބާރުގެ ދަށަށް ފައިޒާއާބާދު ގެންދިޔުމަކީ އެ ޖަމާޢަތުން ހޯދި ބޮޑު ކާމިޔާބެކެވެ. ޠާލިބާނުންގެ ބާރުގެ ދަށަށް ފައިޒާއާބާދު ގެންދިޔުމުން އެ ޤައުމުގެ އިރުއުތުރުގެ ހުރިހާ ސަރަޙައްދެއް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދުތަކަކީ ޠާލިބާނުންނާ އެންމެ ބޮޑު ދެކޮޅުވެރިކަމެއް އަބަދުވެސް ކުރިމަތިވާ ސަރަޙައްދެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ގެންދިޔުމުގެ ކުރިން އެ ޖަމާޢަތުން މަސައްކަތްކުރަނީ އުތުރުގެ ސަރަޙައްދުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންދިޔުމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާ އެމެރިކާގެ ފައުޖުތައް އޮގަސްޓު 31ވަނަ ދުވަހު އެ ޤައުމުން ފައިބާނެކަން އިޢުލާންކުރައްވައިފައެވެ. އަފްޣާނިސްތާނުގައި ޠާލިބާނުން ހޯދަމުންދާ ބޮޑެތި ކުރިއެރުންތަކާ ގުޅޭގޮތުން ބައިޑަން ވިދާޅުވީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމަށް އެމެރިކާއިން އެއް ޓުރިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާނެކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތައް ހާސް އެމެރިކާ ސިފައިންނެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. އަދި އަފްޣާނިސްތާނުގެ ވެރިން އެ ޤައުމުގެ ކުރިމަގު ބައްޓަންކުރަންޖެހޭކަމަށާއި ތާވަލާ އެއްގޮތަށް އެ ޤައުމުން އެމެރިކާގެ ފައުޖުތައް ފައިބާނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.