ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
އަލީ ވަހީދުގެ 2 މަހާއި 12 ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ، ސްޕްރީމްކޯޓުގެ ހުރުމަތް ކަނޑާލައި، ޤާނޫނީ ބާރުވެރިކަން މުގުރާލުމަށް މަސައްކަތް ކުރުމުން ކަމުގައިކަމަށް ހުކުމްއިއްވަމުން ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ހުކުމެއް އިއްވާފައިވާއިރު، އޭނާއާ ގުޅޭ މައްސަލައެއްގެ އަޑުއެހުން އޮތީ ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފައެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް މައްސަލައަކީ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. ޕްރޮސެކިއުޓަރ ޖެނަރަލް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ހައިކޯޓުން މިމައްސަލަ ބަލައިނުގަތުމުންނެވެ.
މިމައްސަލައިގެ އަޑުއެހުމެއް ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް އަމުރުކުރުމުންވެސް އޭނާ ހާޒިރުވެފައި ނުވެއެވެ. ހުކުމް އިއްވުމުގެ ކުރިން މިމައްސަލަ ބެއްލި ފަނޑިޔާރުންގެ ބެންޗުން ވާހަފުޅު ދައްކަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އަލީ ވަހީދު ފުރާފައިވަނީ އޭނާގެ މައްޗަށް ދައުވާތަކެއް އުފުލިފައިވާކަން އެނގިހުރެ، އޭނައާއި ގުޅޭނެ ގޮތެއް އަދި ފުރައިގެންދިޔަ ތަނުގެ ތަފްސީލެއް ކޯޓަށްވެސް އަދި އެއްވެސް ފަރާތަކަށްވެސް ނުދީކަމަށެވެ. އަދި އޭނާ ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އޭނާ ޖާމިނުކޮށްދިން މީހާއަށްވެސް އޭނައާއި ގުޅޭނެ މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނުމުން މިމައްސަލަ ބެލުމަށް ހުރަސް އެޅިފައިވާކަމަށް ހުކުމްގައިވެއެވެ.
އަދިހަމަ އެހެންމެ ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބާވެފައި ނުވާއިރު، ޤާނޫނު އަސާސީއާއި ގާނޫނުތައް ނެގެހެއްޓުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތަކަށްވާއިރު، އެކަން ސްޕްރީމްކޯޓުން ދަމަހައްޓާނެކަމަށް ހުކުމްގައިވެއެވެ. އަދި ހަމައެހެންމެ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމަލުކުރުމަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއްކަމަށްވާއިރު، ވަކި މީހެއް ފަރަގު ނުކޮށް ހަމަހަމަ ކަމާއިއެކު އެންމެންނާއިމެދު އަމަލުކުރާނެކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ.
ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު، މި ހުކުމް ތަންފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.