އެތުލެޓިކްސް

ކީޕަރ އިމްރާންއާއެކު 30 ކުޅުންތެރިންގެ ސްކޮޑް އިޢުލާންކޮށްފި




ކަކުލަށް
ލިބުނު އަނިޔާއަށް ފަހު، ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ގައުމީ
ޓީމްގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު 30 ކުޅުންތެރިންގެ ޤައުމީ ސްކޮޑްގައި ހިމެނި މިއަދު
ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.

ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕަށް
ތައްޔާރުވުމުގެ ގޮތުން މިއަދު ގައުމީ ޓީމްގެ ފަރިތަކުރުންތަށް ފަށާފައިވާއިރު،
މީގެ މަހެއްހާ ދުވަސް ކުރިން އިމްރާންވަނީ އޭނާގެ ކުލަބް މާޒިޔާއާއެކު ލުއި
ޓްރެއިނިންގް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އިމްރާން ޕީއެސްއެމްއާ
ވާހަކަދައްކަމުންބުނީ ކަކުލަށް ލިބުނު އަނިޔާއަށް ފަހު، މިހާރު ރިކަވަރީގެ
މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށާއި، ހަދަންޖެހޭ
ހުރިހާ ޓެސްޓްތަކެއްވެސް ހަދާ ނިމިފައިވާކަމަށެވެ. އަދި މިއަދު ގައުމީ ޓީމްގެ
ފަރިތަކުރުންތަކުގައި ބައިވެރިވީ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިވިވުމުގެ
އަޒުމްގައިކަމަށްވެސް އިމްރާންބުންޏެވެ.

އިމްރާންއަށް އަނިޔާވެފައިވަނީ ވޯލްޑް
ކަޕް ކޮލިފައިންގައި މިދިޔަ ޖޫން މަހު ހޮންކޮންއާ ދެކޮޅަށް ކުޅެނިކޮށް، އިމްރާނުގެ ކަނާތު ކަކުލު ހުޅުގެ ޕޮސްޓީރިއާ ކްރުޝިއޭޓް
ލިގަމެންޓް އިރައިގެން ދިއުމުންނެވެ. އަދި އެއަނިޔާއަށް ފަރުުވާ ކުރުމަށް މިދިޔަ
ޖޫން މަހު ތިރީސް ވަނަ ދުވަހު މުމްބާއީގެ އަމްބާނީ ހޮސްޕިޓަލުގައި ތަޖުރިބާކާރު
ޑޮކްޓަރު ޑިންޝޯ ޕާޑިވާލާ ވަނީ އޭނާގެ އޮޕްރޭޝަން ކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި
ސްކޮޑުން ފުރުސަތު ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މުހައްމަދު އުމެއިރު،
އަކްރަމް އަބްދުލް ޤަނީ އަދި މުހައްމަދު ރަޝީދު ހިމެނެއެވެ. އުމެއިރުއަށް ފުރުސަތު
ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އަދި މުހައްމަދު ރަޝީދުއަށް ފުރުސަތު ގެއްލުނީ
ސަސްޕެންޝަންގެ ސަބަބުންނެވެ. ތިރީސް ކުޅުންތެރިންގެ ސްކޮޑް މިއަދު ނަގާފައިވާއިރު، ސާފް
ޗެމްޕިއަންޝިޕްގެ ކުރިން ސްކޮޑް ތޭވީސް ކުޅުންތެރިންނަށް މަދު ކުރާނެއެވެ.