ޚަބަރު

އަގުނަގައިގެން ކޯވިޑް-19އަށް ތަޙްލީލުކުރަން ޖަރުމަންވިލާތުން ނިންމަނީ


އަންނަ އޮކްޓޯބަރު މަހުގެ ފަހުން ހިލޭ ކޯވިޑް-19އަށް ތަޙްލީލުކޮށްދިނުން ހުއްޓާލުމުގެ މަސައްކަތް ޖަރުމަންވިލާތުގެ ސަރުކާރުން ފަށައިފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި ތިންވަނަ ރާޅަކާ ކުރިމަތިލާން ޖެހުމުން ޖަރުމަންވިލާތުގެ ގިނަ ސަރަޙައްދުތައްވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ފުރަބަންދުކޮށްފައެވެ. އަދި ޢާންމުންނަށް ހިލޭ ކޯވިޑް-19އަށް ތަޙްލީލުކުރެވޭނެ އިންތިޒާމުތައް ޖަރުމަންވިލާތުގައި ހަމަޖައްސާފައިވެއެވެ. ނަމަވެސް 83 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަންވިލާތުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރި މީހުންގެ ނިޞްބަތް 55 އިންސައްތައަށްވުރެ އިތުރުވުމުން ހިލޭ ކޯވިޑް-19އަށް ތަޙްލީލުކޮށްދިނުން ހުއްޓާލުމަށް އެ ޤައުމުގެ ޢާންމުން ގޮވާލައި އަޑުތައްވަނީ ގަދަވެފައެވެ. އެ ގޮތުން ވެކްސިން ނުޖަހައި ނުވަތަ ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންދާ މީހުންނަށް ޓެކްސް ފައިސާއިން ޚަރުދުކޮށްގެން ހިލޭ ކޯވިޑް-19އަށް ތަޙްލީލުކޮށްދިނުމަށް އެ ޤައުމުގެ ގިނަ ޢާންމު ރައްޔިތުން ދެކޮޅެވެ.

ޖަރުމަންވިލާތުގައި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 3،000 މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އެ ޤައުމުގައި ޖުމުލަ 3.8 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އަދި ބަލިމަޑުގައި 91,810 މީހުންވަނީ މަރުވެފައެވެ.