އީރާނުގައި ކޯވިޑް-19 ޖެހިގެން ކޮންމެ ދެ މިނެޓަކުން މީހަކު މަރުވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވެފައިވަނީ އީރާނުގައެވެ. އެ ޤައުމުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 40,808 މީހުންނަށް ބަލިޖެހި 588 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 4.2 މިލިޔަނަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 94،600އަށްވުރެ އިތުރުވެފައެވެ.
އީރާނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ގިނަ ޕުރޮވިންސްތަކުގައި ރަތް ސަމާލު އިޢުލާންކޮށްފައިވާކަމަށެވެ. އަދި ކޮންމެ ދެ ސިކުންތަކުން މީހަކަށް ބަލިޖެހޭކަމަށާއި ކޮންމެ ދެ މިނެޓަކުން މީހަކު ބަލިމަޑުކަމުގައި މަރުވާކަމަށް އީރާނުގެ ސަރުކާރުން ބުނެފައިވެއެވެ.
އީރާނުގެ ޙާލަތު އަނެއްކާވެސް ގޯސްވެ ބަލިމަޑުކަމުގެ ފަސްވަނަ ރާޅަކާ ކުރިމަތިލާން ޖެހުނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ޢާންމުން ފަރުވާކުޑަކުރުމުންކަމަށާއި އެ ޤައުމުގެ ބޮޑެތި ސިޓީތަކުގެ ހަސްފަތާލުތައް ފުރި ބަލިޖެހޭ މީހުންނަށް ފަރުވާދިނުމުގައި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އަދި އީރާނުގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ހަލުވިކަމާއެކު ފެތުރެމުންދާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
އީރާނުގެ ކޯވިޑް-19 ފެތުރުން ހުއްޓުވުމަކީ އެ ޤައުމުގެ ރައީސްގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގަތް އިބްރާހީމު ރައިސީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ރައީސީވަނީ އީރާނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ވެކްސިން ޖެހުމުގެ ދުވެލި ހަލުވިކުރުމަށް ސަރުކާރުގެ ވުޒާރާތަކަށް އަންގަވައިފައެވެ.
83 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އީރާނުގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވަނީ އާބާދީގެ އެންމެ 4 އިންސައްތަ މީހުންނެވެ.