ބައިނަލްއަޤްވާމީ މުޖުތަމަޢުން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ޙާލަތު ދެނެގަންނަންޖެހޭކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ޙާލަތު ގޯސްވުމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ޠާލިބާން ޖަމާޢަތާ ކުރިމަތިލަމުންދާ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ޤާބިލުކަން ދެނެގަތުން މުޙިންމުކަމަށެވެ.
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް 20 އަހަރު ދުވަހަށްފަހު އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ ވަރުގަދަކޮށްފައެވެ. އެ ގޮތުން ތިން ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ 6 ޕުރޮވިންސެއްގެ ވެރިކަންކުރާ ރަށްތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށްވަނީ ގެންގޮސްފައެވެ. ޠާލިބާނުން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޤުރައިޝީވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއި ޚަރަދާމެދު ސުވާލުއުފައްދަވައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ދީފައިވާ ތަމުރީނުތަކާއި ފޯރުކޮށްދީފައިވާ ހަތިޔާރާމެދު އޭނާވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފައެވެ.
އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ޙާލަތު ދެނެގަންނަންޖެހޭކަން ފާހަގަކުރައްވަމުން ޤުރައިޝީ ވިދާޅުވީ އަފްޣާނިސްތާނުގެ ޙާލަތު ގޯސްވުމުގެ ޒިންމާ ޕާކިސްތާނުން އުފުލަން ނުޖެހޭނެކަމަށެވެ. ޤުރައިޝީ ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުން ފެންނަމުންދާ މަންޒަރަކީ ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ ރޫޙް އެ ޤައުމުގެ ސަލާމަތީ ބާރުތަކުގައި ނެތްކަންކަމަށެވެ. އަދި އެ ކަމުގެ ސަބަބުތައް އޮޅުންފިލުވުން މުޙިންމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް މަޝްވަރައިގެ މޭޒަށް ޠާލިބާނުން ގެނައުމަށް ޕާކިސްތާނުން މުޙިންމު ދަޢުރެއް އަދާކުރިކަމަށާއި އެ ޖަމާޢަތާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޕާކިސްތާނުންކަމަށް ޤުރައިޝީ ވިދާޅުވިއެވެ. އަދި ޞުލްޙައިގެ މަޝްވަރާތަކަށް މަޑުޖެހުމެއް އައިސް އަފްޣާނިސްތާނުގެ ޙާލަތު ނުރައްކާތެރި ޙާލަތަކަށް ވެއްޓުމަކީ ޕާކިސްތާނުން ކަނބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އޭނާ ސިފަކުރެއްވި ގޮތުގައި އަފްޣާނިސްތާނުގައި ހަމަނުޖެހުން އިތުރުވުމުން އެ ކަމުގެ އެންމެ ބޮޑު އަސަރެއްކުރާނީ ޕާކިސްތާނަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރުވަނީ އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމަށް ނިންމި ނިންމުމާމެދުވެސް ސުވާލުއުފައްދަވައިފައެވެ. އެ ގޮތުން ޤުރައިޝީ ވިދާޅުވި ގޮތުގައި އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމަށް ނިންމީ އެ ޤައުމުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ލިބުނު ކުރިއެރުންތަކުގެ ސަބަބުންކަމަށް ޕާކިސްތާނުން ޤަބޫލުކުރިކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ޞުލްޙައިގެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ޙާލަތާމެދު ޕާކިސްތާނުގެ ބޮޑެތި ކަންބޮޑުވުންތަކެއް ޢާންމުކޮށްފައިވަނީ އަފްޣާނިސްތާނުގެ ޙާލަތާ ގުޅޭގޮތުން ޤަޠަރުގެ ދައުހާގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާއިން ބައްދަލުކުރުމަށް ނިންމާފައިވަނިކޮށެވެ. އެ ބައްދަލުވުން ބާއްވަނީ އޮގަސްޓު 31ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ހުރިހާ ފައުޖެއް އަފްޣާނިސްތާނުން ފޭބުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.