ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މަރިޔަމް ރިޝްފާ ޢައްޔަން ކުރައްވައިފި


ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އެޓްރައިބިއުނަލްގެ މެންބަރުކަން ކުރިންވެސް ކުރައްވާފައިވާ އަލްއުސްތާޛާ މަރިޔަމް ރިޝްފާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރިޔަމް ރިޝްފާ ޢައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި އަލްއުސްތާޛާ މަރިޔަމް ރިޝްފާ ވަނީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރިޔަމް ރިޝްފާއާ ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި އަލްއުސްތާޛާ މަރިޔަމް ރިޝްފާ މީގެކުރިން ވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފައެވެ. އަލްއުސްތާޛާ މަރިޔަމް ރިޝްފާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރެވުނީ 07 އޮގަސްޓް 2016ގައެވެ. އަދި، ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައިވެސް ޙަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.

އަލްއުސްތާޛާ މަރިޔަމް ރިޝްފާ ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ ހާސިލްކުރައްވާފައެވެ. އޭގެ އިތުރުން ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ހާސިލްކުރައްވާފައިވެއެވެ.