ޚަބަރު

އަފްޣާނިސްތާނުގެ މުޙިންމު ސަރަޙައްދުތަކެއް ޠާލިބާނުންގެ ބާރުގެ ދަށަށް


އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި އެ ޤައުމުގެ މުޙިންމު ސިޓީތަކެއް އެ ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ މުޙިންމު ސިޓީތަކަށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ. އަދި ރަށްފުށުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް މަދުކޮށް އެ ޤައުމުގެ ބޮޑެތި ސިޓީތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެ ގޮތުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ މުޙިންމު ސިޓީއެއްކަމަށްވާ ޤުންދޫޒާއި އެ ޤައުމުގެ އުތުރު ޕުރޮވިންސްގެ ވެރިރަށްކަމަށްވާ ސަރީޕުލްގެ އިތުރުން އީރާނުގެ ސަރަޙައްދީ ރޮނގާ ކައިރީގައި އޮންނަ ޒަރަންޖުވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެ މުއްދަތުގެ ތެރޭގައި އަފްޣާނިސްތާނުގެ އިތުރު ސިޓީތަކެއްކަމަށްވާ ޝަބަރުޣާނާއި ތާލްޤާންވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އޭގެ އިތުރުން ހީރަތާއި އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ކަންދަހާރަށް ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސްވަނީ ފަށައިފައެވެ. ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ އެ ޤައުމުގައި ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަޙައްދީ ރޮނގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 419 ޑިސްޓުރިކްޓުގެ ތެރެއިން 200 ޑިސްޓުރިކްޓު އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައެވެ.