ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ތޫނީސިޔާގައި ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން އެއް ދުވަހުގެ ތެރޭގައި ބައި މިލިޔަން މީހުން ވެކްސިން ޖަހައިފިއެވެ.
ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތް ތޫނީސިޔާގައި ރެކޯޑު ޢަދަދެއްގެ މީހުން ވެކްސިން ޖަހާފައިވަނީ ޢަރަބި ޤައުމުތަކުންނާއި ހުޅަނގުގެ ޤައުމުތަކުން ގުޅިގެން އެ ޤައުމަށް ވެކްސިންގެ 6 މިލިޔަން ޑޯޒު ދީފައިވާ ދަނޑިވަޅެއްގައެވެ. ތޫނީސިޔާގެ ސަރުކާރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވެފައިވަނީ އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމެވެ. އެ ޤައުމުގައި ވެކްސިން ދެމުންދާ ދުވެލި ދަށްވުމުގެ ސަބަބުން ސަރުކާރު އިސްތިޢުފާދިނުމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވެއެވެ. އެއާއެކު ތޫނީސިޔާގެ ރައީސް ޤައީސް ސަޢީދުވަނީ އެ ޤައުމުގެ ސަރުކާރު އުވާލައްވައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މަނާކުރައްވައިފައެވެ.
12 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތޫނީސިޔާގައި ކޯވިޑް-19ގެ ވެކްސިން ޖެހުމުގެ ޤައުމީ މަޝްރޫޢެއް ފަށައިފައިވަނީ މީގެ ފަސް މަސްދުވަސް ކުރިންނެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ޤައުމުގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވަނީ 1.3 މިލިޔަން މީހުންނެވެ. އެ ޤައުމުން މަސައްކަތްކުރަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އާބާދީގެ 50 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްދިނުމަށެވެ.
އުތުރު އެފްރިކާގައި އޮންނަ ޢަރަބި ޤައުމެއްކަމަށްވާ ތޫނީސިޔާގައި 610،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 20،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ތޫނީސިޔާގައި ވަރަށް ބޮޑަށް ފެތުރި އެ ޤައުމުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށްވަނީ ބާރުބޮޑުވެފައެވެ.