ޚަބަރު

އިނގިރޭސި އެފް އޭ ކޮމިއުނިޓީ ޝީލްޑް ލެސްޓަރ ސިޓީ ކާމިޔާބުކޮށްފި


އިނގިރޭސި އެފް އޭ ކޮމިއުނިޓީ ޝީލްޑް ލެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ. މިދިޔަ ސީޒަންގައި އިނގިރޭސި އެފް އޭ ކަޕް ކާމިޔާބު ކުރި ލެސްޓަރއިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރީ އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީާއި ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

އާސީޒަން ފެށުމުގެ ގޮތުން ކުޅޭ މިމެޗްގައި ސިޓީ އާއި ލެސްޓަރގެ ވެސް މުހިންމު ކުޅުންތެރިންތަކެއ އަނިޔާ އާއި ޗުއްޓީގެ ސަބަބުން މިމެޗްގައި ކުޅެފައެއް ނުވެއެވެ. ނަމަވެސް ދެޓީމަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މިމެޗްގައި ނުފެންނަ ކަމެވެ. ނަމަވެސް ދެތީމުންވެސް ތިބި ކުޅުންތެރިންނާއެކު މިމެޗްގައި ރަނގަޅު ކުޅުމެއް ދެއްކާފައިވެއެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓަރއެވެ. ނަމަވެސް ދެވަނަ ހާފްގައި ސިޓީއިންވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

މިމެޗްގެ ދެވަނަ ހާފްގައި އިންގްލަންޑްގެ ތާރީހްގައި އެންމެ ބޮޑު އަގަކަށް މީގެ އެއްދުވަސް ކުރިން ސިޓީއަށް ސޮއިކުރި ޖެކް ގްރީލިޝް ދެވަނަ ހާފްގައި ކުޅެން އަރާފައިވެއެވެ. މިމެޗްގައި ލެސްޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 89ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކަލޭޗީ އިއަނާޗިއޯއެވެ. ސިތީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސިޓީގެ ޑިފެންޑަރ ނޭތަން އައިކަރ ކުރި ފައުލަކާއެކުވެސް މެޗްގެ ރެފްރީ ލެސްޓަރއަށް ލަޏޑު ޖަހާނެ ފުރުސަތެއް ލިބުމާއެކު އެޑްވާންޓޭޖް ދޫކޮށްލިނަމަވެސް ސިޓީގެ ކީޕަރ އެހަމަލާ ދިފާއު ކުރުމާއެކު ރެފްރީވަނީ ޕެނަލްޓީއެއް ކަމަށް ދައްކާފައެވެ.

މިކަމާ ގުޅިގެން ސިޓީގެ ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް ރެފްރީވަނީ އެކަން ގަބޫލް ނުކޮށް ޕެނަލްޓީ ދީފައެވެ. މިކާމިޔާބީއާއެކު ލެސްޓަރއިން އާސީޒަންގެ ފެށުން ރަނގަޅު ކޮށްފައިވާއިރު ސިޓީއަށް ފަށަން މިޖެހުނީ ނާކާމިޔާބީއަކާއެކުއެވެ.