ޚަބަރު

ކުރީގެ ސީޕީ ހުސައިން ވަޙީދު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފި


ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުޤީޤަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސައިން ވަހީދު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މިދިޔަމަހުގެ އެކި ދުވަސްތަކުގެ މަތިންނެވެ. އަދި އޭނާ ކޮމިޝަނަށް ހާޒިރުކުރީ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިލްވާން ގެއްލުނުއިރު، ހުސައިން ވަހީދަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. ރިލްވާން ގެއްލުނު މައްސަލައިގައި އޭރުގެ ސީޕީ ރިޔަސީ ކޮމިޝަނަށް ހާޒިރުކުރިއިރު، ރިލްވާންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށްވެސް ތުހުމަތުކުރަނީ ތަހުޤީޤަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ. ރިޔާސީ ކޮމިޝަނުން ވިދާޅުވީ އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ތަކުރާރުކޮށް އެރުވުމުންވެސް ރައީސް ޔާމީން ހުންނެވީ ހަނުކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރިޟްވާން ގެއްލުވާލި މައްސަލަ ރިޔާސީ ކޮމިޝަނުން މިހާރު ތަހުޤީޤްކުރަމުންދަނީ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކުކަމަށްވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.