ޚަބަރު

ފިޔަވަޅުތައް އެޅި ނަމަވެސް އުތުރު ކޮރެޔާއިން މިސައިލް އުފެއްދުން ހުއްޓާލާފައެއް ނުވޭ: އދ


2021ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިން ނިޔުކްލިޔަރ އަދި ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިޔަށްގެންގޮސްފައިވާކަމަށް އދން ބުނެފިއެވެ.

އދން އެކުލަވާލާފައިވާ ސިއްރު ރިޕޯޓެއްގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި އުތުރު ކޮރެޔާގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މިސައިލް އުފެއްދުމުގެ މަޝްރޫޢު އެއްވެސް މަޑުޖެހުމެއްނެތި ކުރިޔަށްގެންގޮސްފައިވާކަމަށެވެ. އަދި އިންސާނީ ޙާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި މިސައިލް އުފެއްދުމަށް ބޭނުންވާ އާލާތްތަކާއި ޓެކްނޮލޮޖީ ހޯދުމަށް އެ ޤައުމުން އިސްކަމެއްދީފައިވާކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުން ވިދާޅުވެފައިވާ ގޮތުގައި އެ ޤައުމަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމުގައި ބޮޑެތި ދަތިތަކަކާވަނީ ކުރިމަތިލާންޖެހިފައެވެ. އުތުރު ކޮރެޔާގެ ނިޔުކްލިޔަރ އަދި ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަޝްރޫޢު ހުއްޓުވުމަށް 2006ވަނަ އަހަރުން ފެށިގެން އެ ޤައުމާ ދެކޮޅަށް އދންވަނީ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމަށް ތެލާއި ބޯޓުދެލި އެތެރެކުރުންވަނީ މަނާކޮށްފައެވެ. އެއާއެކު ބޮޑެތި ޖަރީމާތައް ހިންގައިގެން އުތުރު ކޮރެޔާއިން ބޭނުންވާ ފައިސާ ހޯދަމުންދާކަމަށްވެސް އދގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.