ޚަބަރު

ޕްރިމިއަރ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ގްރީލިޝް ސިޓީއަށް ސޮއިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ކްލަބް އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ގްރީލިޝް ސިޓީއަށް ސޮއިކޮށްފައިވަނީ އިނގިރޭސިވިލާތުގެ ރިކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއާއެކު ގްރީލިޝް ވެފައިވަނީ މުޅި ދުނިޔެއަށް ބަލާއިރު 9 ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.

އުމުރުން 25 އަހަރުގެ މިކުޅުންތެރިޔާވަނީ ސިޓީއާއެކު 6 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އޭނާ ބޭނުން ކުރާނީ ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ސަރޖިއޯ އަގުއެރޯ އެންމެފަހުން ބޭނުންކުރި 10 ނަމްބަރު ޖަރޒީއެވެ. ސިޓީއަށް ސޮއިކުރުމަށްފަހު ގްރީލިޝް ބުނީ ސިޓީއަކީ އިންގްލަންޑްގައި އެންމެ ވަރުގަދަ ޓީމް ކަމަށާއި އަދި އެކްލަބްގައި ހުރީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކޯޗް ކަމަށެވެ. އެކްލަބްގެ ކުޅުންތެރިޔަކަށް ވެވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ކުޑައިރުން ފެށިގެން ވިލާއަށް ސަޕޯޓް ކުރަމުންދާ ގްރީލިޝް އެސްޓަން ވިލާ އާއި ގުޅިފައިވަނީ އުމުރުން 6 އަހަރުގައެވެ. އަދި މިހާތަނަށް ވިލާއަށް 213 މެޗް ކުޅެދީ 32 ލަނޑު އޭނާވަނީ ކާމިޔާބުކޮށްދީފައެވެ. ގްރީލިޝް ހާމަކުރުގޮތުގައި ވޭތުވެދިޔަ ދެތިން މަސް ވެގެން ގޮސްފައިވަނީ ވަރަށް އުނދަގޫ ތިން މަހަށް ކަމަށާއި އެންމެ ބޮޑު އެއް ސަބަބަކަށްކީ އޭނާއަކީ އަބަދުވެސް ވިލާއަށް ސަޕޯޓް ކުރަމުންދިޔަ އެކްލަބްގެ ސަޕޯޓަރަކަށް ވުމެވެ. ނަމަވެސް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއާއި ވާހަކަ ދެއްކުމާއި އެކްލަބްގައި ތިބި ކުޅުންތެރިންނަށް ބެލުމަށްފަހު މިއީ ނޫނެކޭ ބުނެވޭ ވަރަށް ވުރެ މާބޮޑަށްވެސް ރަނގަޅު ފުރުސަތަކަށް ވީ ކަމަށް އޭނާ ބުނެފައިވެއެވެ. ޗެމްޕިއަންސް ލީގުގައި ކުޅުމަކީ އޭނާއަށް އަދި ނުކުރެވޭ ކަމަކަށްވުމުން އެކަން ކުރަން ބޭނުންވުމާއި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާތީ ސިޓީއާ ގުޅުނީކަމަށް އޭނާ ހާމަކުރިއެވެ. ސިޓީން އަންނަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް ގަވާއިދުން ކާމިޔާބީ ހާސިލް ކުރަމުން ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި ޕެޕް އޭނާގެ ޓީމް ކުޅުވަން ބޭނުންވާ ގޮތާއި ގްރީލިޝްގެ ކުޅުމާއި ވަރަށް ގުޅޭ ކަމަށްވެސް ގްރީލިޝް ހާމަކުރިއެވެ.