ޚަބަރު

ޔޫއެސް އޯޕަންއިން ފެޑެރަރ ފެނުން ދުރުކަމަށް ބެލެވެން ފަށައިފި


އަހަރުގެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ ފެނުން ދުރުކަމަށް ބެލެވެން ފަށައިފިއެވެ. މިގޮތަށް ބެލެވެން ފަށާފައިމިވަނީ މިމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓޮރޮންޓޯ އާއި ސިންސިނާޓީ މާސްޓަރސް މުބާރާތުން އޭނާ ވަކިވެފައިވާތީއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފެޑެރަރ މިދެ މުބާރާތުން ވަކިވެފައިވަނީ ކަކުލަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެންނެވެ.

މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުން ފެޑެރަރ ވަކިވެފައިވަނީވެސް ކަކުލަށް ލިބިފައިވި އަނިޔާގެ ސަބަބުންނެވެ. ގްރޭންޑް ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރަރވަނީ ކަކުލަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން ކަކުލުގެ ދެ އޮޕަރޭޝަނެއް މިދިޔަ އަހަރު ކޮށް ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. މިފަހަރުގެ ޔޫއެސް އޯޕަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ނިއުޔޯކް ގައެވެ.

މިދިޔަ އާދީއްތަ ދުވަހު 40 އަހަރު ފުރިފައިވާ ފެޑެރަރ މިއަހަރުގެ ތެރޭގައި ކުޅެފައިވަނީ ވާދަވެރި 13 މެޗެވެ. ޔޫއެސް އޯޕަން ފަސް ފަހަރަށް ކާމިޔާބުކޮށްފައިވާ ފެޑެރަރއަށް އެންމެފަހުން މިމުބާރާތް ކާމިޔާބު ކުރެވިފައިވަނީ 2008 ވަނަ އަހަރުއެވެ. އަދި އެންމެފަހުން އޭނާއަށް ކާމިޔާބު ކުރެވިފައިވާ ބޮޑު މުބާރާތަކީ 2018 ވަނަ އަހަރު ކާމިޔާބުކުރި އޮސްޓްރޭލިއަން އޯޕަން އެވެ. އޭގެފަހުން ނޯވަކް ޖޯކޮވިޗް ވަނީ ގްރޭންޑް ސްލޭމް އަށް މުބާރާތް އަދި ރަފައެލް ނަޑާލް ހަތަރު މުބާރާތް ކާމިޔާބުކޮށް ފެޑެރަރގެ 20 ގްރޭންޑް ސްލޭމްގެ ރިކޯޑާއި އަރާހަމަކޮށްފައެވެ.