ޚަބަރު

ޠާލިބާނުންގެ ބާރާއި ޤާބިލުކަން ކުޑަ: ރަޝިޔާ


އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ޠާލިބާން ޖަމާޢަތުގެ ބާރާއި ޤާބިލުކަން ކުޑަވަމުންދާކަމަށް ރަޝިޔާއިން ބުނެފިއެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސްވަނީ ފަށައިފައެވެ. ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ އެ ޤައުމުގައި ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަޙައްދީ ރޮނގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 419 ޑިސްޓުރިކްޓުގެ ތެރެއިން 200 ޑިސްޓުރިކްޓު އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ބައެއް ސަރަޙައްދުތައް އެ ޖަމާޢަތަށް ގެއްލިފައިވާކަމަށެވެ. އަދި އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ޠާލިބާނުންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާކަމަށާއި އެ ޤައުމުގެ މުޙިންމު އަދި ބޮޑެތި ސިޓީތައް އެ ޖަމާޢަތުގެ ބާރުގެ ދަށުގައި ބޭއްވުމަކީ އުނދަގޫ އަދި ދަތިކަމެއްކަން ފެންނަމުންދާކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްފަދަ ބޮޑެތި ސިޓީތަކަށް ޙަމަލާ ދިނުމަށްފަހު ދިގު މުއްދަތަކަށް އެފަދަ ސިޓީތައް ޠާލިބާނުންގެ ބާރުގެ ދަށުގައި ބޭއްވުމަށް ބޭނުންވާ ވަޞީލަތްތައް އެ ޖަމާޢަތުގައި ނެތްކަމަށްވެސް ރަޝިޔާއިން ބުނެފައިވެއެވެ. އަދި އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ޙައްލުކުރުމަށް ރަޝިޔާއިން އަބަދުވެސް ވަކާލާތުކުރަނީ މަޝްވަރާކުރުމަށްކަމަށް އެ ޤައުމުން ބުނެފައިވެއެވެ.

އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ސަރުކާރަށްވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ވަރުގަދަ ޙަމަލާތަކެއް ދިނުމަށްފަހު ޠާލިބާނުންގެ ދުވެލިވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި މަޑުޖައްސާލައިފައެވެ. އަދި ރަށްފުށުގެ ސަރަޙައްދުތަކަށް ޙަމަލާދިނުމުގެ ބަދަލުގައި އަފްޣާނިސްތާނުގެ ބޮޑެތި ސިޓީތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އޭގެ ތެރޭގައި ހީރަތާއި ކަންދަހާރާއި ލަޝްކަރުކާހް ހިމެނެއެވެ.