ޚަބަރު

ނިންމުންތަކެއް ބަދަލެއް ނުކުރާނަން، މަޝްވަރާކުރުމުގެ ބޭނުމެއް ނެތް: ތޫނީސިޔާގެ ރައީސް


ތޫނީސިޔާގެ ސަރުކާރު އުވާލައްވައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވި ނިންމެވުން ބަދަލުނުކުރައްވާނެކަމަށް އެ ޤައުމުގެ ރައީސް ޤައީސް ސަޢީދު ވިދާޅުވެއްޖެއެވެ.

ތޫނީސިޔާގެ ރައީސް އެ ޤައުމުގެ ސަރުކާރު އުވާލައްވައިފައިވަނީ ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތައް ހައްލުކުރެއްވުމަށް ކުރެއްވި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުންނެވެ. ތޫނީސީޔާގެ ރައީސާއި ބޮޑުވަޒީރާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވަނީ އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ ޢަރަބި ޤައުމެއްކަމަށްވާ ތޫނީސިޔާގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. އެއާއެކު ބަލިމަޑުކަމާ ދެކޮޅަށް މަޝީޝީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދުވެސް ޢާންމުންވަނީ ހިތްހަމަނުޖެހިފައެވެ.

ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ރާޝިދު ޣަނޫޝީއަކީ ފާއިތުވި 10 އަހަރުދުވަހު އެ ޤައުމުގައި އެކުލަވާލާފައިވާ ސަރުކާރުތަކުގެ މުހިންމު ބައިވެރިއެކެވެ. އަދި އޭނާއަކީ އެ ސަރުކާރުތައް އެކުލަވާލުމުގައި މުހިންމު ދަޢުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރު އުވާލާއި ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުން އޭނާވަނީ އެ ކަމާއި ދެކޮޅަށް މުޒާހަރާކުރުމަށް ޢާންމުންނަށް ގޮވާލައްވައިފައެވެ. އެއާއެކު ތޫނީސިޔާގައި ކުރަމުންދިޔަ ދިމީޤްރާޠީ ވެރިކަމުގެ ނިޒާމަށްވަނީ ބޮޑު ލޮޅުމެއް އަރައިފައެވެ.

ތޫނީސިޔާގެ ރައީސް ޢާންމުކުރެއްވި ވީޑިޔޯ ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާގެ ނިންމެވުންތައް ބަދަލުނުކުރައްވާނެކަމަށާއި މައްސަލަތައް ޙައްލުކުރެއްވުމަށް މަޝްވަރާކުރެއްވުމުގެ ޝަޢުޤުވެރިކަމެއް ނެތްކަމަށެވެ. އަދި ކަންކަމުގައި މަޝްވަރާކުރަންޖެހޭނީ ތެދުވެރިކަން އިސްކުރާ މީހުންނާއެކުކަމަށްވެސް ސަޢީދު ވިދާޅުވެފައިވެއެވެ. އޭނާ އެ މޭރުމުން ވާހަކަދައްކަވާފައިވަނީ ދެބަސްވުންތައް ޙައްލުކުރުމަށް މަޝްވަރާކުރުމަށް ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ އެންމެ ބޮޑު ޕާޓީން އެދިފައިވާ ދަނޑިވަޅެއްގައެވެ.

ޖުލައި މަހުގެ 25ވަނަ ދުވަހު ތޫނީސިޔާގެ ސަރުކާރު އުވާލައްވައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވިފަހުން އެ ޤައުމުގައި ސަރުކާރެއް އެކުލަވާލާފައެއް ނުވެއެވެ. އަދި މަޝީޝީގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރައްވާނެ ބޭފުޅެއްގެ އިޝާރާތެއްވެސް ސަޢީދު ނުދެއްވައެވެ.