ޚަބަރު

ހައިޓީގެ ރައީސް އަވަހާރަކޮށްލި މައްސަލަ އދން ތަޙްޤީޤުކޮށްދިނުމަށް އެދިއްޖެ


ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރުން އދގައި އެދިއްޖެއެވެ.

ހައިޓީގެ ރައީސްގެ މަޤާމުގައި ހުންނެވި މުއީސް އަވަހާރަކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވާ ގެޔަށް ދިން ބަޑީގެ ޙަމަލާއެއްގައެވެ. އެއާއެކު ހައިޓީގެ ސިޔާސީ މަޞްރަޙްވަނީ ހަލަބޮލިވެ އެ ޤައުމުގެ ވަޤުތީ ބޮޑުވަޒީރު ކުލޯޑް ޖޯސެފުވަނީ އިސްތިޢުފާދެއްވައިފައެވެ. އޭގެ ފަހުން އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ 71 އަހަރުގެ ޑަކްޓަރެއްކަމަށްވާ އޭރިޔަލް ހެންރީއެވެ.

އޮގަސްޓު 3ވަނަ ދުވަހު އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެޚޭޝަށް ހައިޓީގެ ޚާރިޖީ ވުޒާރާއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މުއީސް އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤުކުރުމަށް ބައިނަލްއަޤްވާމީ ކޮމިޝަނެއް އެކުލަވާލައި އެ މައްސަލައިގައި ތުޙްމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޚާއްޞަ ކޯޓެއް ޤާއިމުކުރުމަށް އެދޭކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ މުއީސް އަވަހާރަކޮށްލުމަށް ދިން ޙަމަލާއަކީ ބައިނަލްއަޤްވާމީ ޖަރީމާއެއްކަމަށް ޤަބޫލުކުރާކަމަށާއި އެ ޙަމަލާދިނުމަށް ޚަރަދުކުރުމާއި ރޭވުމުގައި އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން ހިމެނޭކަމަށެވެ. އެ ގޮތުން 2005ވަނަ އަހަރު ލުބުނާނުގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގައި އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ރަފީޤް އަލްޙަރީރީ އަވަހާރަވުމުން އދން ޢަމަލުކުރި ގޮތަށް މުއީސް އަވަހާރަކޮށްލި މައްސަލަވެސް ތަޙްޤީޤުކުރަންޖެހޭކަމަށް ހައިޓީގެ ސަރުކާރުން ގުތެޚޭޝަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ޖުލައި މަހުގެ 7ވަނަ ދުވަހު ދިން ޙަމަލާއެއްގައި މުއީސް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ކޮލަންބިޔާގެ އަސްކަރިއްޔާގައި ކުރިން ޙަރަކާތްތެރިވެފައިވާ ސިފައިންގެ ބަޔަކުވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ޙަމަލާދިނުމަށް ޚަރަދުކުރުމާއި ރޭވުމުގައި ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ އެމެރިކާގެ އަމިއްލަ ކުންފުންޏެއްގެ ބައިވެރިވުން އޮތްކަމަށްވެސް ތުޙްމަތުކުރެވެއެވެ.