ކުޅިވަރު

ލީގުގެ ތިންވަނަ ކްލަބް އީގަލްސްއިން ޔަޤީން ކޮށްފި


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހު
މެޗްގައި މާޒިޔާގެ މައްޗަށް ކުރި ހޯދާ ކްލަބް އީގަލްސްއިން ލީގު ތާވަލްގެ ތިންވަނަ
ކަށަވަރުކޮށްފިއެވެ.



މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ކްލަބްގެ މައްޗަށް ކްލަބް އީގަލްސް ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗްގައި
އީގަލްސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއިލް އީސާއެވެ. މާޒިޔާގެ
ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ. މި މެޗުން ލިބުނު
ތިން ޕޮއިންޓާއެކު އީގަލްސް ތާވަލްގެ ތިންވަނާގައި އޮތީ 24 ޕޮއިންޓާއެކުއެވެ.
މާޒިޔާ އޮތީ ތާވަލްގެ ހަތަރުވަނާގައި 21 ޕޮއިންޓާއެކުއެވެ.

މެޗަށްފަހު އީގަލްސް
ކޯޗް އިޙްސާން އަބުދުލް ޤަނީ ބުނީ މި ސީޒަންގައި އެންމެ ބޭނުންވި ޓާގެޓް ހާސިލް ނުވި
ކަމަށާ އީގަލްސްއަށް ސީޒަން ނިމޭއިރު މިއަށްވުރެ ގިނަ ޕޮއިންޓް ލިބެން
ޖެހޭނެކަމަށެވެ. " މި ސީޒަންގެ ލީގުގައި އީގަލްސް އޮތް ހިސާބާ ދޭތެރޭ ހިތްހަމަ ޖެހޭ. އެހެންނަމަވެެސް މިއަށްވުރެ ގިނަ ޕޮއިންޓް ލީގު ނިމޭއިރު އީގަލްސްއަށް ލިބެން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. "އިޙްސާން ބުންޏެވެ. 



މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ މާޒިޔާއިން ބޭނުންވި
ޓާގެޓް ލީގުގައި ހާސިލް ނުވި ކަމަށާ ޖުމްލަކޮށް ބަލާއިރު ސީޒަން ދިޔައީ އެންމެ
ރަނގަޅަށް ނޫންކަމަށެވެ. އެހެންނަމަވެސް ބައެއް ކަންކަން މި ސީޒަންގައިވެސް
ރަނގަޅަށް ދިޔަކަން ސުޒޭން ފާޙަގަކުރިއެވެ. " މިފަހަރުގެ ދިވެހި ލީގާ މާޒިޔާ ކުރިމަތިލީ ވަރަށް ފޮނި އުއްމީދާއެކު ކަންތައްތަކެއް ހާސިލް ކުރަން. އެހެންނަމެސް އެ ކަންކަން ހާސިލްނުވެ މި ދިޔައީ. އެކަމަކު މި ސީޒަންގެ ލީގު ވާދަވެރިކޮށް ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. " ސުޒޭން ބުންޏެވެ.