އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެގެން އާއު ޢާއްމު ޙާލަތުގައި މަސައްކަތްކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ނިންމަވާފައިވަނީ ކޯވިޑްގެ ކޭސްތައް ރާއްޖޭގައި މަދުވެ ބަލީގެ ޙާލަތު ކޮންޓްރޯލްވުމާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާއި ގުޅިގެންނެވެ.
ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ޢާއްމުކޮށް ހުޅުވައިގެން މަސައްކަތްކުރިކަމުގައިވީނަމަވެސް މަސައްކަތްކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައިކަމަށެވެ. އެހެންނަމަވެސް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި ރަށްރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކުންވެސް ގޭގައި ކުރެވޭ މަސައްކަތްތައް ގޭގައި ކުރުމާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތަށް ނޫނީ މުވައްޒަފުން ނުނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވީއެންމެ މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރުމާއި ޓީމުތަކަށް ބަހާލައިގެން މަސައްކަތް ކުރާއިރު އެކަކު އަނެކަކާއި ވީއެންމެ މަދުން ބައްދަލުވާނެގޮތަކަށް މަސައްކަތް އިންތިޒާމުކުރުމަށް ރައީސް އޮފީހުން ވަނީ އަންގަވާފައެވެ.
އާދިއްތަ ދުވަހު ޢާއްމުކޮށް ހުޅުވާލައިގެން މަސައްކަތްކުރަން ހުޅުވާލިނަމަވެސް ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ބާރުއެޅުމާއި ނުރަސްމީ ގަޑީގައި މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތް ރޭވުމަށާއި ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ ރަސްމީ ގަޑީގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށްވެސް ރައީސް އޮފީހުން ވަނީ އަންގަވާފައެވެ.
މީގެއިތުރުން ކޯވިޑާއެކު އޮންލައިންކޮށް ދޭންފެށި ޚިދުމަތްތައް އެގޮތުގައި ކުރިއަށްގެންދިޔުމަށާއި އިތުރަށް އޮންލައިންކޮށް އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ދެނެގަނެ އެފަދަ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ނުރަސްމީ ގަޑީގައި މުވައްޒަފުން ނެރެގެން މަސައްކަތްކުރަން ޖެހުނުނަމަވެސް އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް ރައީސް އޮފީހުންވަނީ އަންގާފައެވެ.
މީގެއިތުރުން މަސައްކަތުގެ މާޙައުލުގައި ޤާއިމުކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކޯވިޑްގެ މިޙާލަތުގައި ޚަރަދު ކުޑަކުރެވޭނެ ގޮތަށް މަސައްކަތް ބައްޓަންކުރުމަށް ރައީސް އޮފީހުން ވަނީ އެދިވަޑައިގަންނަވާފައެވެ.