ޚަބަރު

ލުބުނާނުގެ ޙާލަތު ގޯސްވީ ޙިޒުބުﷲގެ ސަބަބުން: ސަޢުދީ ޢަރަބިއްޔާ


ސިޔާސީ އަދި އިޤްތިޞާދީ ބޮޑު ކާރިޘާއަކާ ކުރިމަތިލާންޖެހިފައިވާ ލުބުނާނުގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ޙިޒުބުﷲ ޖަމާޢަތުގެ ސަބަބުންކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރުޙާން އާލްސަޢުދު ވިދާޅުވީ އީރާނުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ޙިޒުބުﷲން މަސައްކަތްކުރަނީ އެ ޖަމާޢަތުގެ ފަލްސަފާތައް ލުބުނާނުގައި ޤާއިމުކޮށް ޢަމަލުކުރަންކަމަށާއި އޭގެ ސަބަބުން އެ ޤައުމަށް ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަމީރު ފައިޞަލް ވިދާޅުވީ ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ބަނދަރުގައި އެއްޗެއް ގޮވައި 200 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމުވެ ޤައުމަށް އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ލިބުނުފަހުން އަހަރެއް ފާއިތުވި ނަމަވެސް އެ މައްސަލަ ރަނގަޅަށް ތަޙްޤީޤު ނުކުރެވޭކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދޭނީ އެ ޤައުމަށް އިޞްލާޙީ ބަދަލުތަކެއް އައުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އެ ޤައުމުގައި ހަރުދަނާ ސަރުކާރެއް ޤާއިމުކުރެވެންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ބޮޑު ކާރިޘާއަކާ ކުރިމަތިލާންޖެހިފައިވާ ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮގަސްޓު މަހުގެ 3ވަނަ ދުވަހު ބޭއްވި ބައިނަލްއަޤްވާމީ ޙަރަކާތަކުންވަނީ 370 މިލިޔަން އެމެރިކާ ޑޮލަރު ހޯދައިފައެވެ.