ވިޔަފާރި

ކޮޗިން ކާގޯ ފެރީން މިހާރު ލައްކާއިންވެސް ރާއްޖެއަށް މުދާ ގެނެވޭނެ


އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުއްޓާއި ދެމެދު ކުރާ ދަތުރުގައި ލަންކާއިން މުދާ ގެނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ހާމަކޮށްފިއެވެ.

އެމްއެސްއެސް ވިދާޅުވީ އިންޑިއާއިން މިދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާފައިވަނީ މިދިޔަ ޖޫންމަހުން ފެށިގެން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އަދި މިދަތުރުތައް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މެދުވެރިއެއްގެ ގޮތުގައި މަޝްވަރާ ކޮށްފައިވަނީ އިންޑިއާ ހައިކޮމިޝަނުންކަމަށްވެސް އެމްއެސްއެސްއިން ވިދާޅުވެއެވެ.

އެމްއެސްއިން ވިދާޅުވީ މިދަތުރު ރޭވިފައި އޮތީ އިންޑިއާ، ކޮލަމްބޯ އަދި ރާއްޖެއާއި ދެމެދު ކަމަށެވެ. އަދި މިދަތުރުތަކާއެކު ރާއްޖެއަށް މުދާ ގެނައުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެމްއެސްއެސްއިން ވިދާޅުވެއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީތައް ބާއްވަނީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ބޯޓެއްގައެވެ.

މި ބޯޓުގެ ލޯކަލް އެޖެންޓަކީ ރާއްޖޭގެ ސްޓޭޓް ޝިޕިން ކޮމްޕެނީއެވެ.