ޚަބަރު

އޮސްޓުރޭލިޔާގެ އިތުރު ސަރަޙައްދުތައް ފުރަބަންދުކުރަނީ


ހަލުވިކަމާއެކު އޮސްޓުރޭލިޔާގައި ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އިތުރު ސަރަޙައްދުތައް ފުރަބަންދުކުރަން ނިންމައިފިއެވެ.

އޮސްޓުރޭލިޔާގައި އެންމެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްގައެވެ. އެ ގޮތުން އެ ސުޓޭޓުގެ ވެރިރަށް އަދި އޮސްޓުރޭލިޔާގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑުނީގައި 9 ހަފުތާއަށް ފުރަބަންދުގެ އުޞޫލުތައްވަނީ ތަންފީޒުކޮށްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސިޑުނީގައި 262 މީހުންނަށް ބަލިޖެހި 5 މީހުންވަނީ މަރުވެފައެވެ. އޭގެ އިތުރުން ނިޔު ސައުތު ވޭލްސްގެ ދެވަނަ އެންމެ ބޮޑު ސިޓީކަމަށްވާ ނިޔުކާސަލްވެސްވަނީ ފުރަބަންދުކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޮސްޓުރޭލިޔާގެ އެންމެ ކުޑަ ސުޓޭޓުކަމަށްވާ ވިކްޓޯރިޔާއިން ކޯވިޑް-19 ޖެހިފައިވާ 8 މީހުންވަނީ ފެނިފައެވެ. ނަމަވެސް 6 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވިކްޓޯރިޔާއިން އެ މީހުންނަށް ބަލިޖެހުނު ގޮތެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. އެއާއެކު އެ ސުޓޭޓުގެ ވެރިރަށް މެލްބަން ހިމެނޭ ގޮތަށް ހަފުތާއެއްގެ މުއްދަތަށް ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކުރުމަށްވަނީ ނިންމައިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޮސްޓުރޭލިޔާގެ ކުއީންސްލޭންޑުގެ ވެރިރަށް ބުރިސްބޭނުންވަނީ ބަލިޖެހިފައިވާ 16 މީހުން ފެނިފައެވެ. އޭގެ ކުރީ ދުވަހުވެސް ބުރިސްބޭނުންވަނީ އެ ޢަދަދަށް މީހުންނަށް ބަލިޖެހިފައެވެ. ޖުލައި 31ވަނަ ދުވަހުން ފެށިގެން ބުރިސްބޭނުގައި ފުރަބަންދުގެ އުޞޫލުތައްވަނީ ތަންފީޒުކޮށްފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގެ އެންމެ ބޮޑު ތިން ސިޓީކަމަށްވާ ސިޑުނީއާއި މެލްބަންނާއި ބުރިސްބޭން ފުރަބަންދުކުރުމުން އެ ޤައުމަށް އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑު ލޮޅުމެއް އަންނާނެކަމަށް ބެލެވެއެވެ.