ޚަބަރު

އެމެރިކާގެ ޙާލަތު ގޯސްވެ ދުވާލެއްގެ މައްޗަށް 100،000 މީހުންނަށް ބަލިޖެހެނީ


ހަ މަސްދުވަހަށްފަހު އެމެރިކާގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވާން ފަށައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގައި 100،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ފާއިތުވި 7 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 94,819 މީހުންނަށްވަނީ ބަލިޖެހިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި ދުވަހުން ދުވަހަށް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށައިފައެވެ. އެ ގޮތުން ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެނީ ވެކްސިން ނުޖަހާ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައެވެ. އޭގެ އިތުރުން ބަލިމަޑުކަމުގައި މަރުވާ މީހުންގެ ޢަދަދުވެސްވަނީ އިތުރުވާން ފަށައިފައެވެ. އެ ގޮތުން މަރުވާ މީހުންގެ ޢަދަދު ހަފުތާއެއްގެ ތެރޭގައި 33 އިންސައްތައަށްވަނީ އިތުރުވެފައެވެ. އަދި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދު 377އަށްވަނީ އިތުރުވެފައެވެ.

ގައިގަޔަށް އަރައި ބަލިތަކާބެހޭ އެމެރިކާގެ އެންމެ އިސް ތަޖުރިބާކާރުކަމަށްވާ ޑރ އެންތޮނީ ފައުޗީ ވިދާޅުވީ އެމެރިކާގައި ހަލުވިކަމާއެކު ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެމުންދާކަމަށާއި ހަފުތާއެއްގެ ތެރޭގައި ދުވާލެއްގެ މައްޗަށް 200،000 މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އޮތްކަމަށެވެ. ފައުޗީ ވިދާޅުވީ އެމެރިކާގެ ޙާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. އަދި ބަލިމަޑުކަން ފެތުރެނީ ވެކްސިން ނުޖަހާ މީހުންގެ ސަބަބުންކަމަށް ބުނެވެން ނެތްކަމަށާއި ވެކްސިން ޖަހާފައިވާ މީހުންވެސް ރައްކާތެރި ފިޔަވަޅުތަކަށް ޢަމަލުކޮށް ރަނގަޅު އާދަތައް ގެންގުޅެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިސީސް ކޮންޓުރޯލް އެންޑު ޕުރިވެންޝަނުން ބުނާ ގޮތުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ 83 އިންސައްތައަށް ޖެހިފައިވަނީ އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓެވެ. ޞިއްޙީ މާހިރުން ބުނާ ގޮތުގައި ކޯވިޑް-19 ޖެހިގެން ޙާލުގޯސްވާ މީހުންގެ 97 އިންސައްތައަކީ ވެކްސިން ނުޖަހާ މީހުންނެވެ.

ދުނިޔޭގައި ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމަކީ އެމެރިކާއެވެ. އެ ގޮތުން އެ ޤައުމުގައި 35.4 މިލިޔަން މީހުންނަށް ބަލިޖެހި 615،000 މީހުންވަނީ މަރުވެފައެވެ.