ޚަބަރު

އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ޤައުމުތަކުގައި ވަޒަންވެރިކުރާތީ ތުރުކީވިލާތުން ފާޑުކިޔައިފި

އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް އެމެރިކާގައި ވަޒަންވެރިކުރުމަށް އެކުލަވާލާފައިވާ މަޝްރޫޢަށް ތުރުކީވިލާތުން ފާޑުކިޔައިފިއެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެމެރިކާގައި ވަޒަންވެރިވުމަށް މަގުފަހިވާ ޚާއްޞަ މަޝްރޫޢެއް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އިފްތިތާޙްކޮށްފައެވެ. އެ މަޝްރޫޢުގެ ދަށުން އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ޤައުމަކަށް ޙިޖުރަކޮށް އެ ޤައުމުގައި 12 ނުވަތަ 14 މަސްދުވަހު ދިރިއުޅުމަށްފަހު އެމެރިކާގައި ވަޒަންވެރިވުމަށް އެދެވޭނެއެވެ. އެ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ފުރިހަމަކުރުމަށް އަފްޣާނިސްތާނުގެ އަވަށްޓެރި ޤައުމުތަކުން ޙިޖުރަވެރިން ބަލައިގަތުމަށް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ. އަދި އަފްޣާނިސްތާނާ ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ބަންދުނުކޮށް ބޭއްވުމަކީ މުޙިންމުކަމެއްކަމަށް އެމެރިކާއިން ބުނެއެވެ.

އަފްޣާނިސްތާނުން ޙިޖުރަކުރާ މީހުންނަށް އެ ޤައުމާ އިންވެގެން އޮންނަ ތަޖިކިސްތާނާއި އުޒުބަކިސްތާނާއި ތުރުކުމަނިސްތާނުން ޙިމާޔަތާ ރައްކާތެރިކަން ދެވޭނެ ގޮތްތަކާމެދު އެމެރިކާއިންވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން އީރާނުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ތުރުކީވިލާތަށް އަފްޣާނިސްތާނުން ޙިޖުރަކުރާ މީހުން ދަތުރުކުރާނެކަމަށްވެސްވަނީ ބެލެވިފައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ގެދޮރުގެއްލި ޙާލުގައި ޖެހިފައިވާ އެތައް މިލިޔަން މީހުންނަކަށް ތުރުކީވިލާތުންވަނީ ޙިމާޔަތާއި ރައްކާތެރިކަން ދީފައެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުން ހިޖުރަކުރާ މީހުންނަށް ތުރުކީވިލާތުން ޙިމާޔަތާއި ރައްކާތެރިކަމެއް ނުދެވޭނެކަމަށެވެ، އަދި މިހާރުވެސް ތުރުކީވިލާތުން 4 މިލިޔަން މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދެމުންދާކަމަށާއި އިތުރު ބަޔަކަށް އެހީތެރިވުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. ތުރުކީވިލާތުން ބުނެފައިވަނީ އެމެރިކާއިން ނިންމާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަމަށާއި އެއީ ހިޖުރަވެރިންގެ އިތުރު ކާރިޘާއެއް އުފެދޭނެފަދަ ނިންމުމެއްކަމަށެވެ.

ފާއިތުވި ހަފުތާތަކުގައި އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކުވަނީ ތުރުކީވިލާތަށް ހިޖުރަކޮށްފައެވެ. އަދި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ޤައުމުން ފޭބުމުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހިންގުމާ ޙަވާލުވުމަށް ބޭނުންވާކަމަށް ތުރުކީވިލާތުންވަނީ ބުނެފައެވެ.