މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހާޒިރުކުރެއްވުމުން އެމަނިކުފާނު ހުންނެވީ "ހަނު"ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިއަދު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުޤީޤަށްކަަށްކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.
ރިޔާސީ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުކުރީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެއްވުމަށްކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެފުރުޞަތު ތަކުރާރުކޮށް އެރުވުމުންވެސް ހުންނެވީ ހަނުކަމަށް މިސްބާހު ވިދާޅުވިއެވެ.
މިސްބާހު ވިދާޅުވީ ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރިއިރު ޤާނޫނީ ވަކީލެއްގެ ފުރުޞަތު ނުދެއްވާކަމަށް ބުނެ އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު ހެއްދެވީ އިތުރުފުޅުކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް އެ ފުރުޞަތުވެސް އެމަނިކުފާނަށް ދެއްވިކަމަށް މިސްބާހު ވިދާޅުވިއެވެ.
މިސްބާހު ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން އިތުރަށް ހާޒިރުކުރުމާއި މެދު ކޮމިޝަނުގައި މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެކަމަށެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރިޟްވާން ގެއްލުވާލި މައްސަލަ ރިޔާސީ ކޮމިޝަނުން މިހާރު ތަހުޤީޤްކުރަމުންދަނީ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކުކަމަށްވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ ބައެއް މީހުންގެ މައްސަލަތައް ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.