ޚަބަރު

ކުރީގެ ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފި


މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން މިއަދު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުޤީޤަށްކަަށްކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން މިއަދު ހާޒިރުކުރުމުން އެމަނިކުފާނު ވަނީ ހަނު ހުންނަވާފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރިޟްވާން ގެއްލުވާލި މައްސަލަ ރިޔާސީ ކޮމިޝަނުން މިހާރު ތަހުޤީޤްކުރަމުންދަނީ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކުކަމަށްވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ ބައެއް މީހުންގެ މައްސަލަތައް ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.