ޚަބަރު

ޕީއެސްޖީ ބަލިކޮށް ލިލް ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަރ ކަޕް ކާމިޔާބުކޮށްފި


ޕީއެސްޖީ ބަލިކޮށް ލިލް ފްރެންޗް ސުޕަރ ކަޕް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ޗެމްޕިއަނުން ކަމަށްވާ ލިލް، ފްރެންޗް ސުޕަރ ކަޕް ކާމިޔާބު ކުރީ ފްރެންޗް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީ އަތުން 1 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިލްއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ބުރަކް ޔިލްމާޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލުގެ މިޑްފީލްޑަރު ޒެކާއެވެ.

ތެލް އަވީވުގައި ހުންނަ ބްލޫމް ފީލްޑް ސްޓޭޑިއަމުގައި މި މެޗު ކުޅުނުއިރު، މި މެޗުގައި ޕީއެސްޖީން އެ ޓީމަށް ކުޅެމުން އަންނަ މަޝްހޫރު ގިނަ ކުޅުންތެރިން ހިމަނާފައެއް ނުވެއެވެ. އެގޮތުން މި މެޗަށް ނެގި ސްކޮޑުގައި ޕީއެސްޖީގެ ސްކޮޑުގައި ހިމެނޭ ބްރެޒިލުގެ ތަރި ނޭމާ އާއި، ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަދި މި ޓްރާންސްފަރ ބާޒާރުގައި ޕީއެސްޖީއާ އަލަށް ގުޅުނު ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް، ޕީއެސްޖީން ވަނީ އެ ޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމްއާއި މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީއަށް ޓީމުން ފުރުސަތު ދީފައެވެ.

މި މެޗުން މޮޅުވެ، ލިލްއިން އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަރ ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ 10 އަހަރަށްފަހު މިދިޔަ ސީޒަނުގެ ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ. މިއީ މިދިޔަ 8 އަހަރު ތެރޭ ޕީއެސްޖީއަށް ފްރެންޗް ސުޕަރ ކަޕް ގެއްލުނު ފުރަތަމަ ފަހަރެވެ.