ޚަބަރު

ކުއީންސްލޭންޑުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި


އޮސްޓުރޭލިޔާގެ ދެވަނައަށް އެންމެ ބޮޑު ސުޓޭޓުކަމަށްވާ ކުއީންސްލޭންޑުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓުވަނީ އޮސްޓުރޭލިޔާގެ އެކި ސަރަޙައްދަުތަކުގައި ވަރަށް ބޮޑަށް ފެތުރެން ފަށައިފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ 13 މީހުންވަނީ ކުއީންސްލޭންޑުން ފެނިފައެވެ. އެއީ ފާއިތުވި އަހަރުދުވަހުގެ ތެރޭގައި އެ ސުޓޭޓުގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ބަލިޖެހުނު ދުވަހެވެ. އެއާއެކު އެ ސުޓޭޓުގެ ވެރިރަށް އަދި އޮސްޓުރޭލިޔާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބުރިސްބޭނުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތުވަނީ މި މަހުގެ 8ވަނަ ދުވަހަށް އިތުރުކޮށްފައެވެ.

ކުއީންސްލޭންޑުގެ އިތުރުން އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސީޓީކަމަށްވާ ސިޑުނީ އޮންނަ ނިޔު ސައުތު ވޭލްސްގައި ބަލިމަޑުކަންވަނީ ފެތުރިފައެވެ. އެ ގޮތުން ނިޔު ސައުތު ވޭލްސްގައި ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުނުވާ މިންވަރަށްވަނީ އިތުރުވެފައެވެ. އެއާއެކު އެ ސުޓޭޓުގައި ފުރަބަންދާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރަން އޮސްޓުރޭލިޔާގެ ސިފައިންވަނީ ޙަރަކާތްތެރިވާން ފަށައިފައެވެ. ނިޔު ސައުތު ވޭލްސާ އިންވެގެން އޮންނަ ވިކްޓޯރިޔާ ސްޓޭޓުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ހަރުކަށި އުޞޫލުތަކަށް ނިމުމެއް ގެނެސްފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި އެންމެ ކާމިޔާބު ފިޔަވަޅުތަކެއް މީގެ ކުރިން އަޅާފައިވާ އޮސްޓުރޭލިޔާގައި ވެކްސިން ދިނުމުގެ މަޝްރޫޢު އެންމެ އެދެވިގެންވާ ގޮތަކަށް ކުރިޔަށްގެންދެވިފައެއް ނުވެއެވެ. ނަމަވެސް އެ ޤައުމުން މަސައްކަތްކުރަނީ މި އަހަރު ނިމުމުގެ ކުރިން 16 އަހަރުން މަތީގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށެވެ. އެ ނިޞްބަތް މިހާރު ހުރީ 16 އިންސައްތައިގައެވެ.

އޮސްޓުރޭލިޔާގައި 34,384 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.