މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ކޯވިޑް-19 ޖެހުމުން ޖަލްސާތައް ބޭވުން މެދުކަނޑާލައިފިއެވެ.
މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުން މެދުކަނޑާލުމަކީ އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންނަށް ކުރިމަތިވެފައިވާ ސިޔާސީ ފިއްތުންތަކުން ރެކިވަޑައިގަތުމަށް ލިބުނު ފުރުޞަތެކެވެ. ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުން މެދުކަނޑާލާފައިވަނީ މުޙްޔިއްދީން އިސްތިޢުފާދެއްވުމަށް ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީންނާއި އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. މުޙްޔިއްދީންގެ އިސްތިޢުފާއަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައިވަނީ މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲގެ ފާޑުކިޔުއްވުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މެލޭޝިޔާގެ ރަސްގެފާނުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ޙާލަތު އުވާލާފައިވަނީ ރަސްގެފާނުގެ ޙުއްދަ ނުހޯއްދަވާކަމަށާއި އެއީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށެވެ. ނަމަވެސް މުޙްޔިއްދީންގެ ސަރުކާރުން ބުނެފައިވަނީ ކުއްލި ޙާލަތު އުވާލާފައިވަނީ ޤާނޫނާ އެއްގޮތަކަށްކަމަށެވެ.
ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީންވަނީ ރަސްގެފާނުގެ ޢަމުރަށް ނުކިޔަމަންތެރިކަންވެފައިވާކަމަށް ތުޙްމަތުކުރުމަށްފަހު ބޮޑުވަޒީރުކަމުގެ މަޤާމުން މުޙްޔިއްދީން އިސްތިޢުފާ ދެއްވުމަށް ގޮވާލައިފައެވެ. އަދި މެލޭޝިޔާގެ އިދިކޮޅު އެންމެ އިސްވެރިޔާ އަންވަރު އިބްރާހީމުވަނީ ޤާނޫނުހަދާ މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދެއް މުޙްޔިއްދީންނަށް ނެތްކަމަށާއި އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅުއްވާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުން މެދުކަނޑާލުމުން އެ މަސައްކަތަށްވަނީ ހިޔަނިއެޅިފައެވެ.