މި މަހު ސްޓެލްކޯގެ ކަރަންޓު ބިލުތައް އާދަޔާއި ހިލާފަށް ބޮޑުވިކަމަށް ބުނާ މައްސަލަ ބަލަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިންމައިފިއެވެ.
ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާތަކާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވީ ސްޓެލްކޯއިން ފޮނުވި ޖުލައިމަހުގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރަސްމީކޮށް އެ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން މިހާތަނަށް ހުށައަޅާފައި ނުވިނަމަވެސް އެ މައްސަލަ އޮތޯރިޓީން ބަލަމުން ގެންދާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ތަސްދީގުކުރެއްވުމާއެކު އެ އޮތޯރިޓީ އުފެއްދީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އޮތޯރިޓީގެ މަގުސަދަކީ ފެނާއި ނަރުދަމާއި އާއި ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމާއި ހިދުމަތުގެ އަގު ކަނޑައެޅުމުގެ އިތުރުން އެފަދަ ހިދުމަތްތަކަށް ލައިސަންސް ދޫކުރުމާއިި ރެގިއުލޭޓް ކުރުމެވެ.
މިދިޔަ މަހުގެ ކަރަންޓު ބިލު ލިބުމާއެކު ސްޓެލްކޯގެ ބައެއް ކަސްޓަމަރުން ވަނީ ކުރީ މަސްތަކާ އަޅާބަލާއިރު އާދަޔާއި ހިލާފަށް ކަރަންޓު ބިލު ބޮޑު ކަމުގެ ޝަކުވާކޮށްފައެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ވިދާޅުވެފައިވަނީ މި މަހު ކަރަންޓު ބިލު ބޮޑުވިކަމަށް ދައްކަނީ ކޯވިޑްގެ ދަތިކަމާ ގުޅިގެން ކަރަންޓު ބިލްތަކަށް ސަރުކާރުން ދިން ސަބްސިޑީ ކަނޑާލައި، ބިލު ފޮނުވުމުންކަމަށެވެ.
އަދި ބައެއް ބިލްތައް އިތުރަށް ބޮޑު ކަމަށް ދައްކަނީ މިދިޔަ ދުވަސްތަކުގައި ކަރަންޓް ބިލް ނުދެއްކި ހުރި މީހުން ކުރިއަށް ހުރި މަސްތަކަށް ބަހާލައިގެން ބިލް ދެއްކުމުގެ ފުރުސަތު ދިނުމުން އެ ބައިވެސް މިމަހުގެ ބިލަށް އިތުރުކޮށްފައި އޮތުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.