ޚަބަރު

ނާއިބު ރައީސް ގުރައިދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރީންނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގުރައިދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރީންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގުރައިދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ގުރައިދޫގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ، އެ މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިއަދު މެންދުރުފަހު ގުރައިދުއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި، ކ. އަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކުރެއްވި ޒިޔާރަތުގައި، އެތަނުގެ ހާލަތު ބައްލަވާލައްވާ އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒު ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ މަރުކަޒުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެ ފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ގުރައިދޫ ޞިއްޙީ މަރުކަޒާއި އެރަށުގައި އަލަށް ހިއްކި ސަރަޙައްދު ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ ގުރައިދޫ ރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ސަރުކާރުން އެރަށުގައި ހިންގަވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

‎މި ބައްދަލުވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ރަށުގެ ބިމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން 15 ހެކްޓަރުގެ ބިން ހިއްކަވައިދެއްވަމުން ގެންދަވާކަމަށްޓަކައި ވަނީ ޝުކުރުއަދާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ތަރައްޤީއަށް ހިންގަމުންގެންދާ އިތުރު މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ހިނގަމުންދާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

‎ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ޚިދުމަތް ޤާއިމްކުރުމުގައި ހުރި ބައެއް ކަންބޮޑުވުންތައް ހިމެނެއެެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރެއްވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އާދަމް އާޒިމް އަދި، ހެލްތު މިނިސްޓްރީ އާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.