ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ އަތޮޅު ގުރައިދޫއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާލެ އަތޮޅު ގުރައިދޫއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މެންދުރު ގުރައިދޫއަށް ވަޑައިގަތުމުން ގުރައިދޫ ކައުންސިލާއި، އެކި އިދާރާތަކުގެ އިސްވެރިންވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަފައެވެ.

ގުރައިދޫއަށް ވަޑައިގެން ނައިބު ރައީސް ފުރަތަމަވެސް ވަޑައިގެންނެވީ އެރަށުގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. އެމަރުކަޒަށް ވަޑައިގެން އެމަރުކަޒުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެތަނުގެ ހާލަތު ނައިބު ރައީސް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވަނީ ގުރައިދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި ގުރައިދޫގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން އެމަސައްކަތްވެސްވަނީ ބައްލަވާލައްވާފައެވެ. އަދި މިދަތރުފުޅު ނިންމަވާލެއްވުމުގެ ކުރިން ގުރައިދޫ ކައުންސިލާ ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.