ޚަބަރު

ކަރާޗީގައި ފުރަބަންދުގެ އުޞޫލުތައް ތަންފިޒުކޮށްފި


ކޯވިޑް-19ގެ ޙާލަތު އިންތިހާއަށް ގޯސްވުމުން ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީކަމަށްވާ ކަރާޗީގައި ފުރަބަންދުގެ އުޞޫލުތައް ތަންފިޒުކޮށްފިއެވެ.

ސިންދު ޕުރޮވިންސްގެ ސަރުކާރުން ބުނެފައިވަނީ ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވަމުގައި ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ކަރާޗީގައި ހަލުވިކަމާއެކު ފެތުރެމުންދާކަމަށެވެ. އަދި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ބަލިޖެހުމުގެ ސަބަބުން ކަރާޗީގެ ހަސްފަތާލުތައް ފުރި ގިނަ ޢަދަދެއްގެ ބަޔަކު ޞިއްޙީ ފަރުވާއިން މަޙްރޫމުވެފައިވާކަމަށްވެސް ސަރަޙައްދީ ސަރުކާރުން ބުނެފައިވެއެވެ.

އަގާ ޚާން ޔުނިވާސިޓީ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ކަރާޗީގެ ޙާލަތު ގޯސްވެފައިވަނީ އަޟްޙާ ޢީދަށްފަހުއެވެ. ކަރާޗީގައި ތަންފީޒުކުރާ ފުރަބަންދުގެ އުޞޫލުތަކުގެ ދަށުން ސިނާޢީ މަސައްކަތްތައް ހުއްޓާލައި ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކުރާނެއެވެ. އެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހު ޙާލަތު ވަޒަންކުރުމަށްފަހުއެވެ.

ޕާކިސްތާނުގެ މައި ސަރުކާރުންވަނީ ވެކްސިން ޖަހާފައިވާކަން ދައްކުވައިދޭ ލިޔުމެއް ނެތި ރަސްމީ އިދާރާތަކާއި މަދުރަސާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ފިހާރަތަކާއި ވިޔަފާރި މަރުކަޒުތަކަށް ވަނުމުގެ އިތުރުން ޢާންމު ދަތުރުފަތުރުކުރުން މަނާކޮށްފައެވެ. ޕާކިސްތާނުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އެ ޤައުމުގެ އާބާދީގެ އެންމެ 2.7 އިންސައްތަ މީހުންނެވެ.

220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި 1.03 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 23,360 މީހުންވަނީ މަރުވެފައެވެ.