ޚަބަރު

ހުޅުމާލޭގައި ވެކްސިން ދޭނީ ހުޅުމާލޭ ހޮސްޕިޓަލުން: އެޗްޕީއޭ


ހުޅުމާލޭގައި ވެކްސިން ދެމުންދާނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަދާ ލިންކްގައި ހުޅުމާލެއިން ވެކްސިން ޖެހުމަށް ހުޅުމާލޭ ވެކްސިން ސެންޓަރ ޖެހިފައިވީ ނަމަވެސް ވެކްސިން ޖަހަމުންދާނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށެވެ. އެޗްޕީއޭއިން މިގޮތަށް ހާމަކުރީ މިކަމާ ގުޅިގެން ގިނަ ބަޔަކަށް އޮޅުން އަރާފައިވާތީއެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ. އެގޮތުން ވެކްސިން ޖެހުން ކުރިއަށްދާނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާފައިވާއިރު، ވެކްސިން ޖަހަން ދާން ޖެހެނީ އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސްއެއް ލިބޭނެކަމަށާއި ވެކްސިން ޖަހަންދާއިރު މިމެސެޖު ދައްކަންޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑީގެ 15 މިނިޓްކުރިން ވެކްސިން ސެންޓަރުގައި ހުންނަންވާނެކަމަށެވެ. ގަޑިއަށް ނުދެވިއްޖެނަމަ އެޕޮއިންޓްމަންޓް ބުކިން ކެންސަލްވާނެ ކަމަށާއި އޭގެފަހުން އަލުންޖެހޭނީ އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަމަޖައްސަން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިން ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 27 އިންސައްތަ އަދިވެސް ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިފަހަރު ވެކްސިން ޖެހުމަށް ހުޅުވާލުމުން މިހާރު ލިބެން ހުރި ވެކްސިން އަވަހަށް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.