ޚަބަރު

ތެޔޮ ބަރުކޮށްގެން ދިޔަ ބާޖެއް ށ.ނޫމަރާ ނެރުމައްޗަށް އުރިއްޖެ


ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ.ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ގިނަ އަދަދަކަށް ޑީސަލާއި ޕެޓްރޯލް ބަރުކޮށްގެން ދިޔަ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ "މެކުނު" ނަމަކަށް ކިޔާ ބާޖު ފަރަށް އެރި ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:59އެއްގައި ކަމަށެވެ. މިމަޢުުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަރން އޭރިޔާގެ ކޯސްޓް ގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މިތެޔޮ ބާޖުގައި ސަތޭކަ ހާސް ލީޓަރުގެ ޑީސަލާއި ފަނަރަހާސް ލީޓަރުގެ ޕެޓްރޯލް ހުރި ކަމަށާއި ތެޔޮ ލީކުވުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިބާޖުން 5 މީހުން ދަތުރުކުރިއެވެ. ބާޖު ފުންކުރުމަށްޓަކައި އެހެން ބޯޓެއްގެ އެހީތެރިކަން ބާޖުގެ ވެރިފަރާތުން ހޯދަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ތެޔޮ އުފުލާ ބޯޓުތަކުގައި މިއަހަރުތެރޭގައި ތަފާތު ހާދިސާތައްވަނީ ހިނގާފައެވެ. އެގޮތުން މިއަހަރުގެ މަރޗް މަހުގެ ތެރޭގައި 10000 ލީޓަރުގެ ޑީސަލާއެކު ތިލަފުށިން ހުޅުމާލެއަށް ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއްވަނީ އަޑިއަށް ގޮސްފައެވެ. އަދި މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައިވެސް ބްރޯ ފިއުލް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއް އެނބޫދޫ ފިނޮޅު ކައިރީ އޮތްވާ އަލިފާން ރޯވެ ބޯޓުވަނީ އަޑިއަށް ގޮސްފައެވެ.