ޚަބަރު

އެޑްމިޓް ކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުން ސ.މަރަދޫ ޞިއްޙީ މަރުކަޒް ވަގުތީ ގޮތުން ބަންދު


އައްޑޫ ސިޓީގެ މަރަދޫ ސިއްހީ މަރުކަޒްގައި އެޑްމިޓް ކުރި ބަލި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެމަރުކަޒް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ސިއްހީ މަރުކަޒުން ހާމަކޮށްފިއެވެ.

މަރަދޫ ސިއްހީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި ސިއްހީ މަރުކަޒް ބަންދުކުރީ އިމަރޖެންސީގައި ޑޮކްޓަރަށް ދެއްކި މީހަކު އެޑްމިޓްކުރި ފަހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުމުން އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އެމަރުކަޒްގެ ސްޓާފުން ކޯވިޑަށް ޓެސްޓް ހަދާ ނަތީޖާ ލިބެންދެން ކަމަށެވެ. ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ 3 ދުވަސް ފަހުން ކަމަށް އެސެންޓަރުން މަޢުލޫމާތުދެއެވެ.

ސިއްހީ މަރުކަޒް ބަންދުކުރީ އެމަރުކަޒްގެ ސްޓާފުންގެ ފަރާތުން ބަލި ފެތުރިގެން ދިޔަ ނުދިނުމުގެ ގޮތުން ކަމަށް އެސެންޓަރުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒް ބަންދުކޮށްފައިވާ މި ދުވަސްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށާއި އެހެނިހެން ޚިދުމަތް ހޯދުމަށް އެރަށާއި އެންމެ ކައިރީގައި ހުރި ޞިއްހީ ޚިދުމަތް ދޭ ތަނަކުން ފަރުވާ ހޯދުމަށް ސިއްހީ މަރުކަޒުންވަނީ އިލްތިމާސް ކޮށްފައެވެ.

ކޯވިޑްގެ ނުރައްކާ މުޅި ރާއްޖެއަށް ބޮޑުވުމާ ގުޅިގެން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ކޯވިޑްބަލި ވަނީ ކޮންޓްރޯލްވެފައެވެ. އެހެންނަމަވެސް 24 ގަޑިއިރުތެރޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރުވެސް ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވާ މީހުންނެވެ. އެގޮތުން އައްޑޫ ސިޓީގައި މިހާރު ޖުމްލަ 24 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ މަރަދޫން 19 މީހަކާއި، ހިތަދޫން 4 މީހަކާއި މަރަދޫ ފޭދޫން ޕޮޒިޓިވްވެފައިވާ އެކަކު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.