ޚަބަރު

އިންސާނީ ވަގުފާރިއަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް: މިނިސްޓަރ މާރިޔާ


އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ "ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް 2021" ގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޑިފެންސުން ނެރުއްވި ބަޔާނުގައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓްރީން ނެރުއްވި ބަޔާނުގައި މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިއަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްކަމަށް ވިދާޅުވެފައެވެ. އަދި އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންގެ ނިކަމެތި ޙާލު ފާހަގަކުރައްވައި، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

"ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް" ފާހަގަކުރުމަށް އ.ދ.އިން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ" އެވެ. މިޝިޢާރު ބިނާވެފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ އަޑު އަހައި، އެފަދަ ފަރާތްތަކުގެ އިޙްސާސްތައް އިތުރަށް ދެނެގަނެ، އެކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ. އެހެންކަމުން، މިޝިޢާރަކީ، އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޤާނޫނީގޮތުން ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް، މަސްޢޫލުވެރި ވުޒާރާގެ ޙައިސިއްޔަތުން، މިނިސްޓްރީ އޮފް ޑިފެންސުން ކުރަމުން ގެންދާ މަސައްކަތުގެ ރޫޙާ ގުޅޭ ޝިޢާރެއްކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އެރޮނގުން، މިނިސްޓްރީން މިހާރު ކުރިއަށް ގެންދަނީ، ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓަރ ސަރވިސް ރެގިއުލޭޝަން އެކުލަވާލުމާއި، ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތެވެ.

ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރޭ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕަރފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރުމަށްފަހު، މިމަހުގެ 1 ވަނަ ދުވަހު، ވޮޗްލިސްޓުން އުނިވެ، ޓިއަރ 2 އަށް ރާއްޖެވަނީ ޕްރޮމޯޓްވެފައެވެ.

މިރިޕޯޓާ ގުޅިގެން، އެމެރިކާ ސަރުކާރުން ވިދާޅުވީ، ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި، ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާކަމެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން، ޙާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.