ޚަބަރު

ޑެލްޓާ ވޭރިއެންޓުގެ ބިރުވެރިކަން އެންމެފަހުން ޗައިނާއަށް


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ޗައިނާގައި ފެތުރެން ފަށައިފިއެވެ.

ޗައިނާގެ ރަސްމީ އިދާރާތަކުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުން ބަލިޖެހިފައިވާ 64 މީހުން ފެނިފައިވާކަމަށެވެ. އަދި އެއީ އޭގެ ކުރީ ދުވަހު ބަލިޖެހުނު 49 މީހުންނަށްވުރެ އިތުރު ޢަދަދެއްކަމަށެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިގެން އެ ޤައުމުން އެއްވެސް މީހެއް މަރުވެފައެއް ނުވެއެވެ.

ޗައިނާގައި އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އެ ޤައުމުގެ އިރުމަތީގައި އޮންނަ ޖިއަންސޫ ޕުރޮވިންސްގެ ވެރިރަށް ނަންޖިންނުންނެވެ. އެ ގޮތުން ފާއިތުވި ހަފުތާތަކުގައި އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓުވަނީ ނަންޖިންގައި ވަރަށް ބޮޑަށް ފެތުރިފައެވެ. އެއާއެކު ނަންޖިންގައި ޚާއްޞަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްވަނީ އަޅައިފައެވެ. ނަންޖިންގެ އިތުރުން ހުނާން ޕުރުވިންސާއި ޗައިނާގެ ވެރިރަށް ބެއިޖިންނުންވަނީ ބަލިޖެހިފައިވާ މީހުން ފެނިފައެވެ.

ޗައިނާގެ ރަސްމީ އިދާރާތަކުން ބުނެފައިވަނީ ޖިއަންސޫ ޕުރޮވިންސްގައި ޑެލްޓާ ވޭރިއެންޓު ފެތުރިފައިވަނީ ނަންޖިންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުންކަމަށެވެ. އެ ގޮތުން އެންމެ ފުރަތަމަ ބަލިޖެހިފައިވަނީ ބައިނަލްއަޤްވާމީ ފުލައިޓުތަކެއް ސާފުކުރަން އުޅުނު ބަޔަކަށްކަމަށާއި ޖުލައި 26ވަނަ ދުވަހުގެ ފަހުން ވައިގެ ބަނދަރު ބަންދުކޮށްފައިވާކަމަށްވެސް ޗައިނާގެ ރަސްމީ އިދާރާތަކުން ބުނެއެވެ. އޭގެ އިތުރުން ނަންޖިންގެ ޢާންމުން ބަޔަށް ތަޙްލީޅުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރިފައިވަނީ ޗައިނާގައެވެ. އެ ގޮތުން 2020ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން ޗައިނާގައި 92,875 މީހުންނަށް ބަލިޖެހިފައިވެއެވެ. އަދި ބަލިމަޑުކަމުގައި 4,636 މީހުންވަނީ މަރުވެފައެވެ.